ފާއިތުވި 2021 ވަނަ އަހަރު އެކަނިވެސް އެޕަލް ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ އަދަދު 150 މިލިއަނަށް އިތުރުވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާ އެ ކުންފުނީގެ 1.8 ބިލިއަން އުފެއްދުން މިވަގުތުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުންދާ ކަމަށެވެ.

އެޕަލް ކުންފުނީގެ އުފެއްދުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ޓިމް ވިދާޅުވީ މިކަމުން ދޭހަވަނީ ކުނފުނީގެ އުފެއްދުންތައް މީހުން ބަލައިގަންނަމުންދާ ކަން ކަމަށާ، ތަރުހީބު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.

އެޕަލްގެ އުފެއްދުންތަކަށް ލިބޭ ތަރުހީބު އިތުރުވަމުން ދާއިރު ދާދި ފަހުން އެ ކުންފުނިން ވަނީ ދެކުނު ކޮރެއާގެ ސެމްސަންގް ބްރޭންޑް ފަހަތަށް ޖައްސާލުމަށް ފަހު ސްމާޓްފޯނުގެ ވިޔަފާރީގައި ވެސް ކުރި ހޯދައިފައެވެ.

އެގޮތުން ކައުންޓްޕޮއިންޓް ރިސާޗާ ކެނަލިސިސް އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު އެޕަލްއިން މި ފިޔަވާރީގައި ކުރި ހޯދާފައިވަނީ ޗައިނާގައި އެ ކުންފުނީގެ އުފެއްދުންތަކުގެ ވިޔަފާރި ވަރަށް ބޮޑުތަން ރަނގަޅު ވުމާ ގުޅިގެންނެވެ.

މި ރިޕޯޓުތަކުގައި ބުނީ ހާއްސަކޮށް އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފޯނު ކަމަށްވާ އައިފޯން 13އަށް ޗައިނާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އެޕަލް އަދި ސެމްސަންގް ކުންފުނިން ވާދަވެރިކަމާއެކު އެކިއެކި ސްމާޓް ވަސީލަތްތަށް ތައާރަފު ކުރަމުންދާއިރު ސެމްސަންގްއިން ވަނީ އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ އިވެންޓް ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހަށް ތާވަލު ކޮށްފައެވެ. މި އިވެންޓުގައި އެ ކުންފުނީގެ އާ އުފެއްދުންތައް ދައްކާލާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.