ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދު އިތުރުވެއްޖެއެވެ.
މިވަގުތު 34 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު މީގެ ތެރެއިން މޮނިޓަރިން ހާލަތުގައި އޮތް އެންމެ ގިނަ ދުވަސްވީ ރަށްތަކަކީ ކ. މާފުށި އަދި ހއ. އިހަވަންދޫއެވެ. އެދެ ރަށް މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިމަހު މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ އަދި ބ. އޭދަފުށި ހިމެނެއެވެ.
މީގެ އިތުރުން ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރި، ގދ. ތިނަދޫ، ގދ. މަޑަވެލީގެ އިތުރުން އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި، ނ. މާޅެންދޫ، ބ.ކެންދޫ، ރ. ކިނޮޅަސް،ބ. ތުޅާދޫ އަދި މިއަދު މޮނިޓަރިންއަށް ގެނައި ރ. އިނގުރައިދޫ ހިމެނެއެވެ.
މޮނިޓަރިންގެ ހާލަތަށް ބަދަލު ނުކުރާ ގިނަ ރަށްރަށުން ވެސް އަންނަނީ ކޮވިޑް ކޭސްތައް ފެންނަމުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ޕޮޒިޓިވް ވެފައި ވަނީ ސްކޫލް ހުޅުވެން ކުޑަތަން ވެފައި ވަނިކޮށް މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނުލިބެނީސް ރަށްރަށަށް ދިއުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މި މަސް ފެށިގެން އައިރު 200 އިން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި ނަމަވެސް މިހާރު ކޭސްތައް އަންނަނީ 3000 އާ ގާތަށް ރިޕޯޓް ކުރަމުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1000 އިން މަތިން ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ އިރު ރަށްރަށުން އަންނަނީ 700 އިން މަތިން ކޭސްތައް ރިޕޯޓް ކުރަމުންނެވެ.