ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ބިލެއް ހުށައެޅުމުން، ހިޔާލުފާޅުކުރުމަށް ހުރަސް އެޅޭތީ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ އަހުމަދު ޝަހީދު ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ޖިނާއީ ކުށަކަށް ހެދުމަކީ އެމްޑީޕީން އަދި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރައްވާނެކަމަށް ހީކުރެއްވި ކަމެއް ނޫންކަމަށެވެ. އަދި އުންމީދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ޖިނާއީ ކުށަކަށް ހެދުމަށް މިހާރު ޑްރާފްޓްކޮށްފައިވާ ބިލު ތަންފީޒު ނުވުން ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ނުވަތަ އިންޑިއާއާއެކު ރާއްޖެއިން ގެންގުޅޭ ސިޔާސަތާއި ދެކޮޅަށް ހިޔާލުފާޅުކުރުން ކުށްވެރި ނުކުރެވޭނެ ކަމަށާއި އެކަން ޖިނާއީ ކުށަކަށް ނުހެދޭނެ ކަމަށެވެ.

މިކަމާ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވަނީ ގާނޫނެއް ހަދައިގެން އެކަން ހުއްޓުވޭނެ ކަމަށް ސަރުކާރުން ދެކޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި އެހެން ހަދާ ގާނޫނަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން އުޅުމުގެ ބަދަލުގައި މިފަދަ އެއްބަސްވުންތައް ސިއްރުނުކޮށް ވީހާވެސް ބޮޑަށް ކަންކަން ހާމަކުރާނަމަ މިހާލަތަށް ކަންކަން ނުދާނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުމަށް ގާނޫނެއް ހަދަން ސަރުކާރަށް ޖެހުމުން ދޭހަވަނީ ރައީސް ޔާމީން ފެއްޓެވި ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ކުރި ހުރިހާ ކަމެއް ފެއިލް ވެއްޖެ ކަމަށެވެ. އަދި ދެން ކުޅެން ޖެހޭނީ "ޑިފެންސަށް" ކަމަށާއި ބޭރުގެ އަސްކަރީ ބަޔަކު ތިބުމާ ދެކޮޅަށް މަސައްކަތް ނުހުއްޓުވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކެމްޕެއިން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލަ ހުށައަޅާ، އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ކެމްޕެއިނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.