ޕީޕީއެމްގެ ސަރުކާރެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށްވެސް ވަޒީފާގެ ފުރުސަތުތައް ރައީސް އަބްދުﷲ ޔާމީން ކަށަވަރުކޮށްދެއްވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމް އިން ބުނީ ވަޒީފާއާ ގުޅޭ ގޮތުން، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް އެ ހަބަރު މީޑިއާތަކުން ގެނެސްދީފައި ވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ރައީސް ޔާމިން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.

ވަޒީފާ ދިނުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ޕީޕީއެމްގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދޭނެކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދޭނެ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

އެޕާޓީން އިތުރަށް ބުނީ ރައީސް ޔާމީންއަކީ މިހާތަނަށް ރެކޯޑް އަދަދަކަށް ރާއްޖޭގައި ވަޒީފާ އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ވެސް ގެނެސްދެއްވި ލީޑަރެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ހަމައެހެންމެ، ޒުވާނުންނާއި އަލަށް ކައިވެނި ކުރާ ކުދިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ވެސް ހާއްސަ ސަމާލުކަމެއް ދެއްވާ، ރާއްޖޭގެ އެކި ހިސާބުގެ ބިން ހިއްކާ ބޮޑުކުރެއްވުމުގެ މަސައްކަތައްތައް ކުރިއަށް ގެންދަވާ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ވެސް ކަށަވަރުކޮށްދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމިންކަން ޕީޕީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

ޕީޕީއެމްއިން ބުނީ ރާއްޖެ މިހާތަނަށް ދެކެފައިނުވާ ތަރައްގީ މިގައުމަށް ގެނެސް ދެއްވާފައި ވަނީ ވެސް ރައީސް ޔާމީން ކަމަށެވެ. އަދި އަދިވެސް އެތަރައްގީ މިގައުމަށް ގެނެސްދެއްވާނީ ރައީސް ޔާމީނު ކަމަށެވެ. މިގޮތުން ވަޒީފާ ދެއްވުމުގައިވެސް ދިވެހި ރައްޔިތުން ތަފާތު ނުކުރައްވާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދޭ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ޕީޕީއެމްއިން އެހެން ބުނި ނަމަވެސް ރައީސް ޔާމީން އެރޭ ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމްގެ ދެން އަންނަ ވެރިކަމެއްގައި މުވައްސަސާތަކާއި ކުންފުނިތަކުން ޕީޕީއެމްގެ "ކުދިންނަށް" ވަޒީފާ ދެއްވާނެ ކަމަށާއި އަދި އެހެން ޕާޓީތަކަށް ޖާގައެއް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ﷲގެ ރަހްމަތްފުޅާއެކު 2023ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށްވަންޏާ ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުވައްސަސާތަކުގެ ވަޒީފާތައް ކަމަށްވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ މީހުނަށް،
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އަދި ޕީޕީއެމް އާ އެއްކޮށް މަސައްކަތް ކުރާ މީހުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.