ކޮވިޑްގައި ރާއްޖެއިން މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި މަހަކަށް މި ނިމޭ ޖެނުއަރީ މަސް ވެއްޖެއެވެ.

ކޮވިޑް ކޭސްއެއް ރާއްޖެއިން ފެނުނުތާ ދެއަހަރާ ގާތްވެފައި ވާ އިރު، ކޮވިޑްގައި އެންމެ ހިތާމަވެރި ދުވަސްތަކެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މަހު ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، ރިކޯޑް އަދަދަކަށް މީހުން މަރުވެފައޮ ވެސް ވެއެވެ. އެ ގޮތުން މިދިޔަ މެއި މަހު ޖުމްލަ 34،561 މީހުން ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި 88 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް މިއަދު ކޮވިޑްގެ ކޭސްތަކުގެ އަދަދު ދައްކާ ގޮތުން އެންމެ ގިނަ މީހުން ޕޮޒިޓިވް ވި މަހަކަށް މި ނިމެނޭ ޖެނުއަރީއެވެ.

މިއަދު ރާއްޖެއިން 2689 މީހަކު ޕޮޒިޓިވް ވި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއާއެކު މި މަހު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 37588 އަށް އަރާފައެވެ.

ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ މިއަދާ އެކު މި ވޭތުވެދިޔަ ހަތަރު ދުވަހުއެވެ. އިއްޔެ 2510 މީހަކު ކޮވިޑަށް ޕޮޒިޓިވް ވި އިރު، އޭގެ ކުރީ ތިން ދުވަހު 2499، 2813، 2609 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 2689

  • މާލެ ސަރަހައްދު: 1296
  • އަތޮޅު ތެރެއިން: 994
  • ރިސޯޓްތަކުން: 20

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7013 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 3445 އެވެ. މިއަދު މާލެއިން 1296 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 38 ޕަސެންޓަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 133،288 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 53 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ކޮވިޑް ކޭސްތަކުގެ ތަފްސީލް:

  • އޮގަސްޓް 2021: 3680 ކޮވިޑް ކޭސް 5 މަރު
  • ސެޕްޓެމްބަރު 2021: 3697 ކޮވިޑް ކޭސް 5 މަރު
  • އޮކްޓޯބަރު 2021: 2975 ކޮވިޑް ކޭސް 12 މަރު
  • ނޮވެމްބަރު 2021: 3866 ކޮވިޑް ކޭސް 7 މަރު
  • ޑިސެމްބަރު 2021: 4050 ކޮވިޑް ކޭސް 12 މަރު
  • ޖެނުއަރީ 2022 މިއަދާ ހަމައަށް: 37588 ކޮވިޑް ކޭސް 12 މަރު

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 670 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 274 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް 25 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ 12 މީހެކެވެ.

ރާއްޖެއިން އޮމިކްރޯން ފެނިފައިވާ އިރު މިހާތަނަށް 74 ކޭސް އެއް ފެނިފައިވާ އިރު، އޮމިކްރޯން ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ. މި ވަގުތު ކޮވިޑް ފެތުރެމުން އަންނާތީ 32 ރަށެއް ވަނީ މޮނިޓަރީންގެ ހާލަތަށް ލާފައެެވެ.