ޕީޕީއެމް ސަރުކާރެއްގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުން ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް ކުދިން (މެންބަރުން) ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގައި ދިރިއުޅޭ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ހެންވޭރު ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީއަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑއިގެންފައެވެ.

މީގެ އިތުރުން ޔާމީން ވަނީ ފަތުހީ ކެމްޕެއިންގައި އުޅެގެން ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިނަމަ އެ މައުލޫމާތު ޕާޓީއާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

މިގޮތުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ އެ މުވައްޒަފެއްގެ ހައްގު ހޯދައިދިނުމަށް ގާނޫނީ ގޮތުން ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެފަދަ މީހުންގެ ވަޒީފާ އަލުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީގެ ދެން އަންނަ ވެރިކަމެއްގައި މުވައްސަސާތަކާއި ކުންފުނިތަކުން ޕީޕީއެމްގެ "ކުދިންނަށް" ވަޒީފާ ދެއްވާނެ ކަމަށާއި އަދި އެހެން ޕާޓީތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިއަދު ޕީޕީއެމް އާ އެއްކޮށް މަސައްކަތް ކުރާ މީހުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ﷲގެ ރަހްމަތްފުޅާއެކު 2023ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށްވަންޏާ ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުވައްސަސާތަކުގެ ވަޒީފާތައް ކަމަށްވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ މީހުނަށް،
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ހަރަކާތްތައް، އެ ގޮނޑިއަށް ވާދަކުރައްވާ 3 ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން އަންނަނީ ކުރަމުންނެވެ.