މި އަހަރުގެ ފުރަތަމަ މަސް ނިމުމާ ގާތްވެފައި ވާއިރު، އެހެން އަހަރުތަކަށް ވުރެ ފަތުރުވެރިން އެވަރެޖް ގޮތެއްގައި ހޭދަކުރި މުއްދަތު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް އެވަރެޖް ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 9.1 ދުވަހެވެ. އެއީ މިދިޔަ ތިން އަހަރާ އަޅާ ބަލާއިރު އިތުރުވުމެކެވެ.

މިދިޔަ ތިން އަހަރު އެވަރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި މުއްދަތު:

  • 2019: 6.3 ދުވަސް
  • 2020: 7.2 ދުވަސް
  • 2021: 8.7 ދުވަސް

ހަމަ އެއާއެކު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މިހާތަނަށް 109،842 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 76،059 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 48 ޕަސެންޓު އިތުރު އަދަދެކެވެ.

އަހަރު ފެށިގެން ދިޔައިރު މިހާތަނަށް އެވަރެޖްކޮށް 4،341 ފަތުރުވެރިން ދުވާލަކު އައިސްފައިވެއެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން 120،000 ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 20،244 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާރުކޭޓުގެ 18.4 ޕަސެންޓު ހިއްސާއެވެ. ދެވަނަ އަށް އެންމެ ގިނައިން މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި އިނގިރޭސިވިލާތުން 10،602 ފަތުރުވެރިން އައިސްފައިވާއިރު، އަވަށްޓެރި އިންޑިއާއިން އައިސްފައިވަނީ 9،044 މީހުންނެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.