ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ދިފާއުވުމަށް، ފައިޒާ ކުފުނިން ތަރައްގީ ކޮށްފައި ވާ އެންޓިވައިރަލް ބޭހަށް، ވިލާތުގެ އިއްތިހާދުގެ ހެލްތު ރެގިއުލޭޓަރު ކަމަށް ވާ، ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އިން ރުހުން ދީފިއެވެ.

އީއެމްއޭއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 ޖެހިފައި ވާ ބޮޑެތި މީހުންގެ ތެރެއިން ހާލަތު ސީރިއަސް ވެދާނެ ކަމުގެ ނުރައްކާ ބޮޑު މީހުންނަށް، "ޕެކްސްލޮވިޑް" ދިނުމަށް ހުއްދަ ދިނުމަށް އިރުޝާދު ދޭ ކަމަށެވެ. މި ބޭހަކީ މިހާރުވެސް ބައެއް ގައުމުތަކުގައި ބޭނުން ކުރަމަށް ރުހުން ދިފައި ވާ ބޭހެކެވެ. އެގޮތުން އެމެރިކާ، ކެނެޑާ އަދި އިޒްރޭލުން ވަނީ އުމުރުން 12 އަހަރުން މަތީގެ ޕޭޝަންޓުންނަށް މި ބޭސް ދިނުމަށް ރުހުން ދީފައެވެ.

ކޮވިޑް-19ގެ ހާއްސަ ބޭހެއް ކަމަށްވާ ޕެކްސްލޮވިޑް ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފައިލް ފޮޓޯ: ދަ ގާޑިއަން

ވިލާތުގެ އިއްތިހާދުން ވަނީ ރަސްމީ ހުއްދަ ލިބުމުގެ ކުރިންވެސް ފައިޒާގެ ކޮވިޑް-19 ބޭހަށް ރުހުން ދީފައެވެ. އެއީ އޮމިކްރޯން ވޭރިއަންޓްގެ ރާޅާއެކު، ކުއްލި ހާލަތުގައި ބޭސް ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ބޭނުން ކުރުމަށެވެ.

"ޕެކްސްލޮވިޑް" އެކުލެވިގެން ވަނީ 2 ބާވަތެއްގެ ބޭސް ގުޅައެއްގެ މައްޗަށް ކަމަށް ވާ އިރު، މިއީ ކޮވިޑް-19ގެ ހާއްސަ ފަރުވާތަކުގެ ތެރެއިން، ގޭގައި އަމިއްލައަށް ބޭނުން ކުރެވޭ ފުރަތަމަ ފަރުވާއެވެ.

މި ބޭސް އާންމު ކޮށް ލިޔެދެނީ ކޮވިޑް ޕޭޝަންޓުންގެ ތެރެއިން ހައި ރިސްކު ޕޭޝަންޓުންނަށެވެ. އެއީ ބަލި އިންތިހާއަށް ބޮޑުވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ ފުރުސަތު ކުޑަ ކުރުމުގެ މަގުސަދުގައެވެ.

ކޮވިޑް-19ގެ ހާއްސަ ބޭހެއް ކަމަށްވާ ޕެކްސްލޮވިޑް ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފައިލް ފޮޓޯ: ސީއެންއެން

"ޕެކްސްލޮވިޑް" އަކީ 5 ދުވަހުގެ މުއްދަތަށް، ދުވާލަކު 2 އިރު ބޭނުން ކުރާ ބޭހެކެވެ. "ޕެކްސްލޮވިޑް" ބޭނުން ކުރަން ޖެހެނީ ޖެނެރިކް އެންޓިވައިރަލްއެއް ކަމަށް ވާ :ރިޓޮނަވީރް" އާ އެކުގައެވެ.

ބޭސް އުފެއްދި ފައިޒާ ކުންފުނިން ވަނީ "ޕެކްސްލޮވިޑް" އަކީ، ވޭރިއަންޓްތަކާ ދެކޮޅަށް، ވެކްސިންނަށް ވުރެ ބާރުގަދަ ބޭހެއް ކަމަށް ދިރާސާތަކުން ދައްކާފައި ވާ ކަމަށް ބުނެފައެވެ.