ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދައުރު ނިމި ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތް އިބްތިހާބާ ގުޅޭ ގޮތުން ޕީޕީއެމް އިން އޭސީއަށް ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް އެކޮމިޝަނުން ޕީޕީއެމް އަށް އަންގައިފިއެވެ.
ޕީޕީއެމް އިން ހުށަހެޅީ، ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށެވެ.
އޭސީސީން ޕީޕީއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެކޮމިޝަނަށް ހުށަހެޅި މައްސަލަތަކާ މެދު ގޮތެއް ނިންމޭނީ ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށާއި މިވަގުތު އޭސީސީގައި އެއްވެސް މެންބަރަކު ނެތުމުން ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގައި ކަމަށެވެ.
އޭސީސީން ދިން ޖަވާބާ ގުޅިގެން ޕީޕީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްއިން ގަބޫލު ކޮށް ދެއްކި ބައެއް ވާހަކަތަކުގެ ތެރޭގައި ވޯޓު ކަރުދާހުގައި ޖަހާފައި އޮތް ފާހަގަ ވެއްޓޭ ވާހަކައާއި ވޯޓު ކަރުދާސްތައް މާ އަވަހަށް އަންދާލި ވާހަކަ ހިމެނެއެވެ.
25 ކަމެއް ފާހަގަކޮށް ވޯޓުގެ މައްސަލަ ބަލަން ޕީޕީއެމުން އިން ހުށަހެޅި މުއައްސަސާތަކުގެ ތެރޭގައި އޭސީސީގެ އިތުރުން އެޗްއާރްސީއެމް އާއި، ޕޮލިހާއި، އިންތިގާލީ އިންސާފުގެ އޮފީސް ހިމެނެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ މައްސަލަ ޕީޕީއެމް އިން ކުރިން ސްޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ކޯޓުން ނިންމާފައި ވަނީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތް ކަމަށެވެ.