އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހުސަން އަމުރު ހަވާލުވެ ވަޑައިގެންނެވި ފަހުން ހިނގަމުން މިދާ 3 ވަނަ އަހަރުވެސް އެސްޓީއޯއަށް ރެކޯޑް ފައިދާއެއް ލިބިއްޖެއެވެ.

އެސްޓީއޯގެ 2021 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ ހިސާބުތައް ބަލާއިރު ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 31 ޕަސެންޓު ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާ އެކު 2021 ވަނަ އަހަރުގެ އެއްކުއާޓާ އިން އަނެއް ކުއާޓާއަށް ޖުމްލަ އާމްދަނީ ވަނީ އިތުރު ކުރެވިފައި ކަމަށާއި 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 10 ބިލިއަން ރުފިޔާ ލިބިފައި ކަމަށެވެ. މިއީ ކުރީ އަހަރާ އަޅާ ބަލައިއިރު 41 ޕަސެންޓު ކުރިއެރުމެކެވެ.

މި ކުރިއެރުމުގެ ސަބަބެއް ކަމުގައި އެސްޓީއޯއިން ފާހަގަ ކުރަނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވީއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ ބަލައި 26 ޕަސެންޓް އިތުރުވެފައި ވުމެވެ.

އެސްޓިއޯގެ ޖުމްލަ އާމްދަނީ އިތުރު ކުރެވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައި ވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލައި 1 ޕަސެންޓު ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާ އެކު ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 626 މިލިއަން ރުފިޔާ ލިބިފައި ވާއިރު ފައިނޭންސް ކުރުމުގެ ހަރަދު ވަނީ 20 މިލިއަން ކުޑަކޮށްފައެވެ.

އެސްޓީއޯއިން ބުނީ ޓެކްސް އަށް ކެނޑުމަށް ފަހު މި ކުއާޓާގެ ސާފު ފައިދާ އަކީ 131 މިލިއަން ރުފިޔާ ކަމަށާއި ޓެކުހަށް ކެނޑުމުގެ ކުރިން މުޅި އަހަރުގެ ސާފު ފައިދާގެ ގޮތުގައި 571 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އަދި މިއީ އޭގެ ކުރީ އަހަރާ އަޅާބަލައި 32 ޕަސެންޓު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން ޓެކްސް އަށް ކެނޑުމަށް ފަހު މިއަހަރުގެ ސާފު ފައިދާގެ ގޮތުގައި 478 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައި ވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.