ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާ މިދަނަޑިވަޅުގައި އިތުރު ސާމްޕަލް ސެންޓަރެއް ސިނަމާލެ ބްރިޖް ޕާކިން ޒޯން ސަރަހައްދުގައި ހަދާ ހުޅުވަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، އެ ސެންޓަރުން ސާމްޕަލް ނެގުމުގެ ހިދުމަތް ދޭން ފަށަނީ މާދަމާ ހެނދުނު ކަމަށެވެ. އެ ގޮތުން ސާމްޕަލް ނަގަން ހަމަޖެހިފައި ގަޑިތަކަކީ ކޮންމެ ހޮނިހިރަކުން ބުރާސްތި ދުވަހެއްގެ 9:00 އިން މެންދުރު 12:00 އަށް ކަމަށާއި އަދި މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

ބްރިޖް ޕާކިން ސަރަހއްދުގައި ސާމްޕަލް ނަގާ ސެންޓަރެއް ހުޅުވާފައިވާ އިރު، އިއްޔެ ވަނީ ހެންވޭރު ދަނޑުގައި ވެސް ސާމްޕަލް ނަގާ ސެންތަރެއް ހުޅުވާފައެވެ.

ފްލޫ ކްލިނިކްތަކާއި ހުޅުވައިފާ ހުންނަ ގަޑިތައް:

  • ސެނަހިޔާ: ހުކުރު ދުވަސް ފިޔަވާ ހެނދުނު 10 - ރޭގަނޑު 10 އަށް އަދި ހުކުރު ދުވަހު ހަވީރު 4 - ރޭގަނޑު 10
  • ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރުފަހު 1:30
  • ހުޅުމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 8 - ރޭގަނޑު 10

ސާމްޕަލް ސެންޓަރުގައި ސާމްޕަލް ނަގާ ދުވަސްތަކާއި ވަގުތުތައް:

  • ސިނަމާލެ ބްރިޖް ޕާކިން ޒޯން: ހޮނިހިރުން ބުރާސްފަތި ދުވަހަށް- ހެނދުނު 9 އިން 12 އަށް އަދި ހަވިރު 3 އިން 6 އަށް، އަދި ހުކުރު ދުވަހު- ހަވީރު 3 އިން 6 އަށް
  • ހެންވޭރު ދަނޑު: ކޮންމެ ދުވަހަކު މެންދުރުފަހު 3 އިން ހަވީރު 6 އަށް
  • ސޯސަލް ސެންޓަރު: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރުފަހު 3 އިން ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 އިން ހަވީރު 6 އަށް
  • ހުޅުމާލެ ރުއްގަނޑު 1: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10 އިން މެންދުރު 12 އަށް އަދި މެންދުރުފަހު 3 އިން ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 އިން ހަވީރު 6 އަށް

މީގެ އިތުރުން އެފްއޭއެމް ބިލްޑިން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ ކްލިނިކެއްގެ ގޮތުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10 ކުން ހަވީރު 6 ހުޅުވާފައި ހުންނައިރު ހުކުރު ދުވަހު މެންދުރުފަހު 3 ކުން ހަވީރު 6 ކަށް ހުޅުވާފައި ހުންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިވަގުތު މާލޭން ކޮވިޑު ޖެހޭ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވެފައި ވާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ނިންމާފައި ވީ ނަމަވެސް މާސްކު ނާޅާ އުޅޭ މީހުން މަދެއް ނުވެއެވެ. ހަމައެއާއެކު މާލޭގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ. މި އެންގުންތައް މިހެން ހުރި ނަމަވެސް ބައެއް ފަރާތްތަކުން އެގޮތަކަށް އަމަލެއް ނުކުރެއެވެ.