މިއަދު ރާއްޖެއިން ކޮވިޑް ބައްޔަށް 2609 މީހަކު ޕޮޒިޓިވް ވެ، މި މަހު ކޮވިޑް ޖެހުނު ޖުމްލަ އަދަދު 27000 އިން މައްޗަށް އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7584 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 3963 ސާމްޕަލެވެ. މި ވަގުތު މާލެއިން 1427 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 36 ޕަސެންޓަށް އަރައިފިއެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 2609

  • މާލެ ސަރަހައްދު: 1427
  • އަތޮޅު ތެރެއިން: 783
  • ރިސޯޓްތަކުން: 109

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 122777 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 57 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 689 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 271 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް 25 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ 9 މީހެކެވެ.

އިއްޔެ ވަނީ ކޮވިޑް ބަލީގައި 80 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މަރުވެފައި ކަމަށް އެޗްޕީޢޭއިން ބުނެއެވެ. އޭނާ އަކީ ޏ. ކޮވިޑް ފެސިލީތީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އޭނާ މަރުވީ، އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ކޮވިޑް ކޭސްތަކުގެ ތަފްސީލް:

  • އޮގަސްޓް 2021: 3680 ކޮވިޑް ކޭސް 5 މަރު
  • ސެޕްޓެމްބަރު 2021: 3697 ކޮވިޑް ކޭސް 5 މަރު
  • އޮކްޓޯބަރު 2021: 2975 ކޮވިޑް ކޭސް 12 މަރު
  • ނޮވެމްބަރު 2021: 3866 ކޮވިޑް ކޭސް 7 މަރު
  • ޑިސެމްބަރު 2021: 4050 ކޮވިޑް ކޭސް 12 މަރު
  • ޖެނުއަރީ 2022 މިއަދާ ހަމައަށް: 27077 ކޮވިޑް ކޭސް 9 މަރު

ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ މިއަދާ އެކު މި ވޭތުވެދިޔަ ހަތަރު ދުވަހެއްގައެވެ ދުވަހުއެވެ. އިއްޔެ 2707 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ކުރީ ތިން ދުވަހު 2484، 2349، 1697 މީހަކު ޕޮޒިޓިވް ވެފައިވަ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއާއެކު މި މަހު ޖުމްލަ ވަނީ 27077 އަށް އަރާފައެވެ.

ރާއްޖެއިން އޮމިކްރޯން ފެނިފައިވާ އިރު މިހާތަނަށް 74 ކޭސް އެއް ފެނިފައިވާ އިރު، އޮމިކްރޯން ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ. މި ވަގުތު ކޮވިޑް ފެތުރެމުން އަންނާތީ 29 ރަށެއް ވަނީ މޮނިޓަރީންގެ ހާލަތަށް ލާފައެެވެ.

މި މަހުގެ ކޭސްތައް 27000 އިން މައްޗަށް ގޮސްފައިވާ އިރު، މިދިޔަ އަހަރު އެންމެ ގިނަ ކޮވިޑް ކޭސް ރިޕޯޓް ކުރި މެއި މަހު ޖުމްލަ 34،561 މީހުން ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި 88 މީހަކު ވަނީ މަރުވެފައެވެ.