ދެވަނަ ޓާމްގެ ކިޔެވުން މި މަހުގެ 16 ވަނަ ދުވަހު ފެށުނު އިރު، ކޮވިޑް ކޭސްތައް ވަނީ މައްޗަށް ދާން ފަށާފައެވެ. ދުވާލެއްގެ މައްޗަށް އޭރު 1000 އަށް ވުރެ ގިނައިން ކޭސްތައް ރިޕޯޓް ކުރަމުން އައި އިރު، ފަރުދީ ޒިންމާގެ ވާހަކަ އަކީ އަބަދުވެސް ދައްކަމުން ދިޔަ ވާހަކަތަކެވެ. ސްކޫލްތައް ހުޅުވައިގެން ކުދިން ގެންދިއުމުގެ ކަންބޮޑުވުން އޭރު އާންމުން ފާޅު ކުރަމުން ދިއުމުން ކުދިން ނެރެގެން ކިޔަވައި ދިނުމުގައި އުސޫލުތަކެއް ހަމަޖެއްސިއެވެ. އެއީ ސްކޫލަށް ކުދިން ހާޒިރުވެގެން ކިޔަވައިދޭ ގޮތަށެވެ.

ފިޔަވަޅުތައް ހަރުކަށި ކުރާ ވަރެއް އަދި ނުވޭ: އެޗްޕީއޭ

މި މަހު 20 ވަނަ ދުވަހާ ހަމައަށް އައި އިރު ކޭސްތައް 2000 އަށް އެރުމުން ރައްކާތެރިވުމަށް އާ ފިޔަވަޅެއް ނާޅާ ކޮވިޑްގެ ނުރައްކަލުގެ ވާހަކަތައް ދެއްކުން މަޑުޖައްސާލިއެވެ. ސަބަބުތައް ހޯދުމަށް ނޫސްވެރިންނާ އެކު އެޗްޕީއޭ އިން ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންތައް ބަންޑުން ކޮށްލީ ގިނަ ރައްޔިތުންގެ ޝަކުވާތަކެވެ. އެ ސުވާލުތަކަށް އެޗްޕީއޭ އިން ޖަވާބު ދިނީ ވަރަށް ވެސް ސާދާ ކޮށެވެ.

އެޕިޑަމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް / ފޮޓޯ: ރައީސް އޮފީސް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީންގެ އެޕިޑަމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް އެ ދުވަހު ވިދާޅުވީ، މިހާރު ކޮވިޑް ކޭސްތައް އިތުރު ވިޔަސް، އިގްތިސޯދު ހުއްޓުމަކަށް ގެނެސް އާންމުންނަށް އާމްދަނީ ނުލިބި ކުދިންނަށް ސްކޫލަށް ނުދެވޭ ފަދަ ފިޔަވަޅުތަކެއް އަދި އަޅަން ނިންމާފައި ނުވާ ކަމަށެވެ. މިވަގުތު މި ބަލީގައި އެނދުމަތި ކުރާ މީހުންނާއި، މި ބަލީގައި މަރުވާ މީހުން މަދުކަމުން ކޮވިޑާ އެކު ކަންކަން ކުރިއަށް ގެންދިއުމަކީ މި ވަގުތު ވިސްނުން ހުރި ގޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް ހާލަތު ގޯހުން ގޯހަށް ދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ކޮވިޑް ފެތުރެމުން އައި ސްޕީޑަށް ވުރެ އަވަސް މިނެއްގައި މިހާރު ކޮވިޑް ފެތުރެމުން މި އަންނަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ކޮވިޑްގެ "އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެންނަން ފެށި ފަހުންނެވެ. އެ ވޭރިއަންޓަކީ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެއް ކަމުން މި ވަގުތު ކޭސްތައް އެހާ ހަލުވި ކަމާއެކު މައްޗަށް މިދަނީ އެހެންވެ ކަމަށް ބެލެވިދާނެއެވެ. މިހާރު ވެސް ރާއްޖޭގެ 11 ރަށަކުން މި ވޭރިއަންޓް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނާއިރު މާލެ ފިޔަވާ އަތޮޅުތެރޭގެ 29 ރަށެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ އިންޒާރުގެ މެސެޖުތަކެއް!

ރާއްޖޭގެ ހާލަތު ސިފަ ކުރައްވަމުން ދާދި ފަހުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވަނީ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ކޮވިޑް ފެތުރޭލެއް ހަލުވި ކަން ފެންނަމުން އަންނަ ކަމަށާއި އޭގެ ސަބަބުން މަސައްކަތަށް ނުކުން މީހުންނާއި ކިޔަވަން ދާ ކުދިން މަދުވަމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްތަރު، ޑރ. އަހްމަދު ފައިސަލް

އޮމިކްރޯން ވޭރިއަންޓަކީ ހިމަބިހި ހާ ހަލުވި މިނެއްގައި ފެތުރޭ އެއްޗެއް ކަމަށާއި މީގެ ނުރައްކާ ވާނީ މި ބަލިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިން ނުޖަހާ އަދި ނުޖެހޭ އުމުރުގެ މީހުންނަށް ކަމަށް ފައިސަލް ވިދާޅުވެއެވެ. އެގޮތުން ވެކްސިން ނުޖެހޭ އުމުރު ފުރާގެ ކުދިންނާއި ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ނުރައްކާ އިތުރު ވާނެ ކަމަށް ފައިސަލް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑްގެ އޮމިކްރޯން ރާޅާއެކު މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ރާއްޖެއިން ފެންނަން ފަށައިފި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. މި ވަގުތު އެ ބަލީގައި ފަރުވާ ހޯދަމުންދާ ހަތަރު ކުއްޖެއް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ އިރު އޭގެތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ. މި ބައްޔަކީ ކޮވިޑް ޖެހިފައި ތިބޭ ކުޑަކުދިންނަށާއި ކޮވިޑް ޖެހި އެ ބަލިން ރަނގަޅުވާ ކުދިންނަށް ޖެހޭ ބައްޔެކެވެ. މި ބަލި 3 އަހަރާއި 10 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންގެ ގައިން ފެނިފައިވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އޮމިކްރޯން ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ސްކޫލްތަކަށް ދާ ވެކްސިން ނުޖަހާ އުމުރު ފުރައިގެ ކުދިންނަށް އޮތް ނުރައްކާގެ މިންވަރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު މި ވަނީ ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފައެވެ. ބަލީގައި މަރުވާ ކުދިންތަކެއް ނުފެނުނަސް މި ބަލީގައި ބޮޑުވަރުވާ ކުދިން ފެނުމަކީ މި ވަގުތު ހާލަތު ނާޒުކު ވަމުންދާ ކަމުގެ ހެއްކެއް ނޫން ހެއްޔެވެ.

ސްކޫލް ބަންދު ކުރުމަކީ އެންމެ ލާސްޓް އޮޕްޝަން: އެޑިއުކޭޝަން

ކޭސްތައް އިތުރުވަމުން އައި އިރު ސްކޫލްތައް ބަންދު ކުރާނެ ކަމަށް ގިނަ ބެލެނިވެރިން ގަބޫލު ކުރިއެވެ. ނަމަވެސް އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގައި 50 މީހުންނަށް ވުރެ ގިނައިން މީހުން އެއް ނުވުމަށް އަންގާފައި އޮތް އޮތުމާ އެކު ސްކޫލްތަކަށް ކުދިން ކިޔަވަން ދިއުން ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދަން ނިންމީ މި ބަލީގައި މާ ބޮޑު ސީރިއަސް ކަމެއް ނެތް ފަދަ އިޝާރާތެއް އެޗްޕީއޭ އިން ދޭތީ ކަމަށް ވެދާނެއެވެ. ނަމަވެސް ޑރ. ފައިސަލް ކުރަހާލަ ދިނީ ރެޑް އެލާޓްގެ ބިރުވެރި މަންޒަރެވެ. އެހެންކަމުން އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކު ސިއްހީ ހާލަތު ގޯސްވެ އެނދުމަތިވެފައި އޮންނާކަށް ނޭދޭނެއެވެ. އަދިވެސް ސްކޫލްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާ މެދު ސަރުކާރުން ގޮތެއް ނުނިންމާތީ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ / ފޮޓޯ: ރައީސް އޮފީސް

މިކަމާ ގުޅިގެން އެޑިއުކޭޝަނުން ބުނީ، އޮންލައިންކޮށް ކިޔަވައި ދޭ ގޮތަށް ބަދަލު ކުރުމަކީ އެންމެ "ލާސްޓް އޮޕްޝަން" ކަމަށެވެ. ކުދިން ސްކޫލަށް ހާޒިރުވެގެން ކިޔަވައި ދިނުމަކީ މި ވަގުތު ނިންމާފައި އޮތް ގޮތް ކަމަށާއި އެއީ ކުދިންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަަމަށް އެޑިއުކޭޝަނުން ބުނެއެވެ.

"ލާސްޓް އޮޕްޝަނާ" ހަމައަށް ފިޔަވަޅު އަޅަން ދެން، ސްކޫލްތަކަށް ކުދިން ކިޔަވަން ދާ ގޮތަށް ނިންމައިގެން އެ ތިބީ، ސިޔާސީ ރާޒުވާގެ ކުޅިބައިގައި "މަނާ ފުއް" ގެ ލަގަބު ކުދިންނަށް ދީގެން ހެއްޔެވެ. ސިޔާސީ ކަންކަން ނުހުއްޓުވާ ކުރިއަށް ގެންދިޔުމުގައި މިއީ މި ސަރުކާރުގެ އާ އެޖެންޑާއެއް ހެއްޔެވެ. އެހެންކަމުން އެޗްޕީއޭ އިން "ސައި ކިޔަން" ތައްޔާރު ވެގެން ތިބެނީ ބައި އިލެކްޝަން އިންތިހާބަށް ފަހުގައި ކަމީ މީގެ ކުރިންވެސް ކަން ހިނގި ގޮތަށް ބަލާ ނަމަ "ކުޅި ބައި" އަތުރާފައިވާ ގޮތުން ދައްކުވައި ދޭ ކަމެއް ނޫންބާވައެވެ.

ސްކޫލެއްގެ ދަރިވަރުން އެސެމްބްލީގަޑީގައި

ސިޔާސީ ހަރަކާތް ނުހުއްޓާ ކުރިއަށް ގެންދިއުމަށް ސަރުކާރުން ފިޔަވަލު ނާޅާ ކޮވިޑާ ދެކޮޅަށް "ހިއްލާލާ އައްޑަނައަކަށް" ކުޑަކުދިންތަކެއް ނެރެ އެކުދިންގެ ސިއްހަތު ހަލާކަކަށް ލާތަން ބަލަން އެއްވެސް ބެލެނިވެރިއަކަށް ކެތެއް ނުވާނެއެވެ. މިހާރު ސްކޫލްތަކަށް ދާ ކުދިން މަދުވެފައި ކޮވިޑް ކޭސްތަކާ އެކު ޕޮޒިޓިވްވެ، ނުވަތަ ޑައިރެކްޓް ކޮންޓެކްޓްވެ ގޭގައި ތިބެން ޖެހިފައިވާ ކުދިންނާއި ޓީޗަރުންނާއި ސްކޫލަތްކުގެ މުވައްޒަފުން ގިނަ ވެފައިވާ މި ދަނޑިވަޅުގައި އެޑިއުކޭޝަނުން ފިޔަވަޅެއް ނޭޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިހާރު މި ހިންގާ އުސޫލުން ސްކޫލްގެ ފިލާވަޅުތައް "މިސް" ވަނީ ކިތައް ކުދިންނަށް ހެއްޔެވެ. ގޭގައި ތިބެގެން ކުރިން ވެސް ތަޖުރިބާ ކުރި އޮންލައިން އުސޫލަށް ކިޔަވައި ދޭން ނުފަށާ ގިނަ ދުވަސް ވެއްޖެ ނަމަ ގޯހުން ގޯހަށް ހިނގައިދާނެ ނޫން ހެއްޔެވެ. ދެވަނަ ޓާމްގެ 15 ދުވަސް ނިމުމާ ގާތްވެފައިވާ އިރު، އެއް ދުވަހުވެސް ކިޔަވަން ނުދެވި ތިބި ކިތަންމެ ކުއްޖެއް އެބަ ތިއްބްެވެ. އެ ކުދިންނަށް ފިލާވަޅުތައް ނުލިބެންޏާ އެ ފަދަ ކުދިންނަށް ލިބޭ ގެއްލުމަށް ގޮތެއް ހޯދައި ދެވެން ނެތީ ހެއްޔެވެ.

ސިއްހަތަށް ވުރެ ފޯކަސް އޮތީ ކެމްޕެއިނަށް!

މިހާރު 3000 އާ ގާތަށް ދުވާލަކަށް ޕޮޒިޓިވް ވާ މީހުން ރިޕޯޓް ކުރާ ތާ ދެދުވަސް ވެއްޖެއެވެ. ނުރައްކަލުގެ ހާލަތަށް ދާން އުޅޭ ކަމުގެ ރަނގަބީލު އަޅަމުން ދާ އިރުވެސް އެއާ މެދު ފަރުވާލެއް ނެތި ސަރުކާރުގެ މަޝްރޫއުތަކާއި ބައެއް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ މަންޒަރު ފެނެއެވެ.

ރާޝިދު ކެމްޕެއިންގައި މަރުހޫމް ހުސައިން ވަހީދުގެ ހަދާނުގައި ގެނައި ސްކޫތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) ބައިވެރިވެ ވަޑައިގަންނަވަނީ

މި ހާލަތުގައި ގައުމުގައި ގިނަ ކަންކަން ރާވާ ހިންގަމުން ދިއުމަކީ މައްސަލައެއްވެސް ނޫނެވެ. އިގްތިސޯދު ހުއްޓި ރާއްޖެ ބަނޑަށް ޖެހޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރެއް ހޮވުމަށް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން އުޅޭ ބައި އިލެކްޝަނާ ގުޅިގެން ހިންގާ ހަރަކާތްތައް ފޯރީގައި 'މެކުހަށް' ޖަހައިގެން ގެންދާ އިރު މިއީ ކޮވިޑްގެ ނުރައްކާ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެއް ކަމަށް ގަބޫލު ކުރަނީ ކިތައް މީހުން ބާއެވެ. މިހާރު ވެސް އެތައް ބައެއްގެ ސަމާލުކަން ކެމްޕެއިނަށް ހުއްޓިފައި އޮތް އިރު އެކަން ކުށްވެރި ކުރާނެ ސިޔާސީ ބޭފުޅަކު ވެސް ނެތެވެ. ސަބަބަކީ ސިޔާސީ މަންފާ ހާސިލް ކުރުން ކަމަށް ވެދާނެއެވެ.

އިންޑިއާ އައުޓް ޓީޝާޓުގައި ޖައްސަވައިގެން އިދިކޮޅު ލީޑަރު ކެމްޕޭނުގައި / ފޮޓޯ: ޕީޕީއެމް

މީގެ ކުރިން އެޗްޕީއޭގެ ނިންމުންތަކަށް ފާޑު ކިޔަމުން ދިޔަ އިދިކޮޅު ކޯލިޝަނުން ވެސް ތިބީ "ހައްޕު" ކިޔައިގެންނެވެ. ސަރުކާރުގެ ނިންމުންތަކަށް އަބަދުވެސް ފާޑުކިޔަމުން ދިޔަ ބަޔެއްގެ 'އަނގަ ބަންދުވީ' ކީއްވެ ހެއްޔެވެ. ސަބަބަކީ އެމީހުންގެ ދައުރެއް މި ކެމްޕެއިނުގައި ވެސް އޮތުމެވެ. މި އިންތިހާބުގައި އިދިކޮޅު ޕާޓީގެ މެންބަރެއް ވާދަ ކުރާތީ، އެމީހުން ވެސް ކެމްޕެއިންތައް ހުއްޓާކަށް ބޭނުމެއް ނުވެއެވެ. ހަމައެއާއެކު "އިންޑިއާ އައުޓް" ގެ ނަމުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތް ވެސް އެމީހުން ހުއްޓާކަށް ބޭނުންމެއް ނޫނެވެ. އެހެން ކަމުން ސިޔާސީ މަންފާ ހާސިލް ކުރުމަށް ނުކުމެ ތިބި މީހުންނަށް ރައްޔިތުން ނިކަމެތިވެ ރައްޔިތުން "އަނދަވަޅަކަށް" ވެއްޓެން ދިޔަޔަސް ވަރިހަމަ ތާއެވެ.

މާޒީގައި ހެދި މިސްޓޭކް: ކައުންސިލް އިންތިހާބާ އެކު އިތުރުވި މެއި މަހުގެ ކޭސްތައް!

ސިޔާސީ ހަރަކާތެއް ހިންގައި މާޒީގައި ކޭސްތައް އަތް ނުފޯރާ ފަށަށް އަރައިގެން ދުވަހަށް ބަލާލަމާ ހިނގާށެވެ. އެއީ މިދިޔަ އޭޕްރީލް މަހު ކުރިއަށް ގެންދިޔަ ކައުންސިލް އިންތިހާބުގެ ދުވަސްވަރެވެ. ކޭސްތައް އިތުރުވަމުން އައި އިރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާއެކު ރައްޔިތުން ގޭ ބަންދެއްގައި ތިބެއް ޖެހުމުގެ ތަކުލީފާއި ވިޔާފަރިތައް ބަނގުރޫޓު ވަމުން ދިޔަ ވަހާކަތައް ނަގައި އެޗްޕީއޭގެ އުސޫލުތަކަށް ނުފޫޒު ފޯރުވަން އޭރު ސިޔާސީ އެތައް ބަޔަކު މަސައްކަތް ކުރިއެވެ. ކެމްޕެއިން ހަތިޔާރަކަށް ކޮވިޑާއި އެޗްޕީއޭގެ އުސޫލުތައް ލޭބަލްކޮށް ފިޔަވަޅުތައް ލުއި ކުރަން މަޖުބޫރުކޮށް ކައުންސިލް އިންތިހާބުގެ ކެމްޕެއިންނާއި އެ އިންތިހާބު ކާމިޔާބު ކުރުމަށް ކުރި މަސައްކަތުން ނުކުތް ނަތީޖާ ކިތަންމެ ހާ ވެސް ހިއްޗެވެ.

ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ލުމުގެ ތެރެއިން، ކިއު ދިގުވެ އާންމުން ގިނަ ވެ ތޮށް ޖެހިފައި / ފައިލް ފޮޓޯ: ދަ ޕްރެސް

އޭގެ ނަތިޖާއަކަށް ވެގެން ދިޔައީ އެ އިންތިހާބަށް ފަހު ކޮވިޑް ކޭސްތަކާއި ކޮވިޑް މަރުތައް އަރައިގެން ދިއުމެވެ. ކޮވިޑްގެ ރާޅު ބޯމަތިން ބިންދާލައި ވިދިގެން އައި މެއި މަހު ޖުމްލަ 34،561 މީހުން ޕޮޒިޓިވް ވެ 88 މީހަކު ވަނީ މަރުވެފައެވެ. މެއި މަހުގެ ނަތީޖާއާ އަޅާބަލާ ނަމަ މި މަހުގެ ކޮވިޑް ޕޮޒިޓިވް ކޭސްގެ ނަތިޖާ އެ އަދަދާ ގާތް ކުރަމުންދާ ތަން މި ދަނީ ފެންނަމުންނެވެ. އެ ގޮތުން މި މަހުގެ މިއަދާ ހަމައަށް އައި އިރު، ކޮވިޑް ޖެހުނު މީހުންގެ އަދަދު 27،077 އަރާފައިވާ އިރު މި ބަލީގައި މި މަހު މަރުވެފައި ވަނީ 9 މީހުންނެވެ. މެއި މަހުގެ ކޭސްތައް ވައްޓާލަން ބާކީ 7000 ކޭސް އޮތް އިރު، ބަކީ މިއޮތް 5 ދުވަސްތެރޭ އެ އަދަދު ފަހަނަ އަޅާ ދާނެ ކަން މިހާރު ދުވާލަކަށް ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދުން ވެސް ދޭހަވެއެވެ.

އިދިކޮޅުން ކޮމަންޑޫ ދާއިރާގައި ކުރާ ކެމްޕޭނުގެ ތެރެއިން

ކޭސްތައް މަތިވަމުން މި ދާ ދަނޑިވަޅުގައި ނުރައްކާ އޮތީ ކޮން ބަޔަކަށް ހެއްޔެވެ. ގައިމުވެސް ގިނަ ބަޔަކު މިހާރު ތިބީ ކޮވިޑުން ރައްކާތެރިވުމަށް ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި މިހާލަތުގައި ކޮވިޑް ކޭސް އިތުރުވާން ފެށުމުން ބޫސްޓާގެ ގޮތުގައި ޖަހަން ފެށި ޑޯޒް ވެސް ގިނަ ބަޔަކު ޖަހަމުން އަންނާތީ، މާލެ ސަރަހައްދާއި މޮނިޓަރިންގެ ހާލަތަށް ލާފައިވާ ރަށްރަށަށް އޮތް ރެޑް އެލާޓަކީ މާބޮޑު އެއްޗަކަށް ނުވެއެވެ.

ގިނަ ބަޔަކަށް ނުރައްކާ ނެތަސް މި ވަގުތު ވެސް ކޭސްތައް އިތުރުވަމުންދާ އިރު މި ކުޑަ އަބާދީގެ ތެރޭގައި ތިބި 12 އަހަރުން ދަށުގެ ކުދިން ވެގެން ދާނީ ނުރައްކާ ބޮޑުވާނެ ބަޔަކަށް ކަން ޔަގީނެވެ. އެ ކުދިންނަކީ މި ބަލިން ދިފާއު ވުމަށް ވެކްސިނެއް ޖަހާފައި ތިބި ކުދިންނެއް ނޫނެވެ. ހަމައެއާއެކު ވެކްސިން ޖަހާފައި ތިބި ކަމުގައި ވިޔަސް އިތުރު ބަލިތަކަށް ބޭސްފަރުވާ ކުރަމުންދާ މީހުންނަކީ ވެސް މި ބަލީގައި ނުރައްކާ އޮތް ބައެއް ކަން އަހަރެމެން ގަބޫލު ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

މި ވަގުތު ބަލި ކޮންޓްރޯލް ނުވެއްޖެ ނަމަ ބަލި ކޮންޓްރޯލް ނުވެ ކޭސްތައް މިއަށް ވުރެ އިތުރުވެ ބަލިވާ މީހުންގެ ހާލު ސީރަސް ވެދާނެ ކަމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ހާއްސަކޮށް ވެކްސިން ނުޖެހޭ އުމުރު ފުރައިގެން ކުދިންނަށް އޮތް ނުރައްކަލަކީ ވިސްނާލަން ޖެހޭ ކަމެއް ނޫން ހެއްޔެވެ. މިކަމަށް ފިޔަވަޅު ނާޅާ ތިބެފި ނަމަ މިދިޔަ އަހަރު ކޮވިޑްގެ ބިޔަ ރާޅާ އެކު ފެނުނު ފަދަ ހިތާމައިގެ މިންވަރެއް ވެސް ނެތް ފަދަ ދެވަނަ މެއި މަހެއް ފެނުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. މިކަމާ ވިސްނަންވީ ހަމައެކަނި އާންމު ރައްޔިތުންނެއް ނޫނެވެ. ފިޔަވަޅުތައް އަޅަން ތިބި ގައުމުގެ ވެރިން ފުން ނަޒަރަކުން މިކަމާ މެދު ވިސްނާލަން ޖެހޭ ނޫން ހެއްޔެވެ.