ރާއްޖޭގައި ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ކޮވިޑް ބަލި ރާއްޖެއިން ފުރަތަމަ ފެނުނުތާ 450 ދުވަސްވެފައިވާ އިރު މި އަހަރުގެ މެއި މަހަކީ މި ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. އެގޮތުން މެއި މަހު ޖުމްލަ 34،561 މީހުން ވަނީ ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި 88 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ އޭޕްރީލް މަސް ނިމުނު އިރު ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 73 އެކެވެ. ނަމަވެސް ވޭތުވެ 31 ދުވަސް ތެރޭ މިވަނީ މި ވީ އެއް އަހަރުތެރޭ މަރުވި މީހުންނަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައެވެ.

މެއި މަހު ޖުމްލަ 88 މަރު!

މެއި މަސް ނިމުނު އިރު 88 މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ޖުމްލަ މީހުން އަދަދު ވަނީ 161 އަށް އަރާފައެވެ. މަރުވި 88 މީހުންގެ ތެރޭގާއި ހިމެނެނީ ފަސް ބިދޭސީއަކާއި 83 ދިވެހިންނެވެ. ފަސް ބިދޭސީންގެ ތެރޭގައި ހިމެނެނީ ޖަޕާނު މީހަކާއި ބަންގްލަދޭޝް މީހަކާއި އިންޑިއާ ތިން މީހެކެވެ. އެ ފަސް މީހުންނަކީ ވެސް ފިރިހެނުންނެވެ.

މިދިޔަ މަހު މަރުވި 83 ދިވެހިންގެ ތެރޭގައި ހިމެނެނީ 32 އަންހެނަކާއި 51 ފިރިހެނެކެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި މަރުވީ މީހުންގެތެރޭގައި ގިނައީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ މީހުންނާއި ކޮވިޑް ވެކްސިން އެއްގޮތަކަށް ވެސް ނުޖަހާ މީހުންނެވެ.

ޅ.ހިންނަވަރު ހޮސްޕިަޓަލަށް ގެނާއިރު ނިޔާވެފައިވާ މީހާ ކޮވިޑަށް ޕޮޒިޓިވް ވުމުން ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ޅަވިޔަނި އަތޮޅު ހޮސްޕިޓަލް

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިދިޔަ މަހު ކޮވިޑް ބަލީގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވާ މީހުން ކަމެވެ. އެގޮތުން އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މޭއި މަހު ވަނީ 52 މީހަކު މަރުވެފައެވެ.

އެއަށްފަހު އެންމެ ގިނަ މީހުން މަރުވެފައި ވަނީ އައިޖީއެމްއެޗް އީއާރަށް ހިދުމަތް ހޯދަން ދިޔަ މީހުންގެ ތެރެއިން މަރުވި މީހުންނެވެ. އެ ގޮތުން 11 މީހަކު އައިޖީއެމްއެޗް އީއާރަށް ގެންދިޔަ ފަހުން ވަނީ މަރުވެފައެވެ. ހަމައެއާއެކު ޑީއެޗް 11 ގައި 9 މީހަކު، ޑީއެޗް 17 ގައި އެކަކު ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އަދި އެޑީކޭ އީއާރަށް ގެންދިޔަ މީހަކުވެސް ވަނީ ކޮވިޑްގައި މަރުވެފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ

އަތޮޅު ތެރެއިން ފެނުނު މަރު ކޭސްތަކަށް ބަލާއިރު ނައިފަރުން 2 މީހަކު، ލ. ގަން ކޮވިޑް ފެސިލިޓީން 3 މީހަކު، އައްޑޫން 2 މީހަކު، ބ. އޭދަފުށި ކޮވިޑް ފެސިލިޓީން 2 މީހަކު މާފުށިން 2 މީހަކު ހިމެނެއެވެ. އަދި ރަސްދޫން އެކަކު ދިއްދޫން އެކަކު، ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީން އެކަކު ހިންނަވަރުން އެކަކު ހިމެނެއެވެ.

އަދި މެއި މަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެއްގެ ގޮތުގައި ހިމެނެނީ މެއި 24 ވަނަ ދުވަހެވެ؛. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ. އެއީ ރާއްޖޭގައި ކޮވިޑް ޖެހުނު ފަހުން މިވީހާ ތަނަށް ވެސް އެންމެ ގިނަ މީހުން އެއްފަހަރާ މަރުވި ދުވަހެވެ.

ކޮވިޑްގެ އެންމެ ބިޔަ ރާޅާއެކު މެއި މަހު 34،561 ޕޮޒިޓިވް ކޭސް!

މިދިޔަ އޭޕްރިލް މަސް ނިމުނު އިރު ރާއްޖެއިން ކޮވިޑް ޖެހިފައި ވަނީ 29،835 މީހަކަށެވެ. މެއި މަސް ނިިމުނު އިރު ވޭތުވެ ދިޔަ އެއް އަހަރުތެރޭވެސް ކޮވިޑަށް މީހުން ޕޮޒިޓިވް ނުވާ ވަަރަށް ވަނީ ޕޮޒިޓިވްވެފައެވެ. އެ ގޮތުން 34،561 ކޭސް އަކާ އެކު މިހާރު ކޮވިޑް ޖެހުނު ޖުމްލަ އަދަދު ވަނީ 64،396 އަށް އަރާފައެވެ.

ކޮވިޑްގެ ކޭސްތައް ގިނަ ވެފައި ވަނީ މި ދިޔަ އޭޕްރިލް މަސް ފެށުނު ހިސާބު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށެވެ. ކޭސްތައް އިތުރުވަމުން އައިސް މެއި މަހުގެ ތެރޭގައި ކޭސްތައް 600 އިން މައްޗަށް އެރުމުން އެޗްޕީއޭއިން އިންޒާރު ދީ ލުއިތައް ނަގައި އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ފެށިއެވެ. އެގޮތުން މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އައީ ވެސް ވެކްސިން ޖެހުމާ އެކު ކޭސްތައް މަދުވެގެން ދިން ލުއިތަކުން އެދެވޭ ނަތީޖާއެއް ނުލިބުމުންނެވެ.

އޭޑީކޭ ހޮސްޕިޓަލަށް ދޮރުމަތީގައި އޭޑީކޭގެ 2 ސްޓާފުން މަޑުކޮށްލައިގެން / ފޮޓޯ: އައިޝަތު ޝާޒުލީން - ދަ ޕްރެސް

މެއި މަހު ކޭސްތައް އިތުރުވަމުން އައި އިރު އެންމެ ގިނަ ކޭސް ރިޕޯތް ކުރި ހަފްތާއަކަށް ފާހަގަ ކުރެވިފައި ވަނީ މެއި 17 އިން 23 އަށެވެ. އެ މުއްދަތުގައި އެކަނިވެސް 11،401 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

  • މެއި 17 - 1433 ކޭސް، 4 މަރު
  • މެއި 18 - 1465 ކޭސް، 4 މަރު
  • މެއި 19 - 1187 ކޭސް، 7 މަރު
  • މެއި 20 - 2194 ކޭސް، 2 މަރު
  • މެއި 21 - 1603 ކޭސް، 6 މަރު
  • މެއި 22 - 1960 ކޭސް، 3 މަރު
  • މެއި 23 - 1559 ކޭސް، 6 މަރު

އެންމެ ފަހުން މި މަހުގެ މެދާ ހަމައަށް އައި އިރު ކޭސްތައް ރިޕޯޓް ކުރާ އަދަދު ހާހަށް އަރައި ދުވާލެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންވެސް ގިނަ ވުމުން އެޗްޕީއޭއިން ވަނީ މެއި މަހުގެ 26 އިން ފެށިގެން ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.

ކޮވިޑާ ގުޅިގެން ހަވީރު 4 އިން ފެށިގެން ކާފިއު ހިންގާފައި އޮތް ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެގޮތުން މާލެ ސަރަހައްދުގައި އަންނަނީ 16 ގަޑިއިރުގެ ކާފިއުއެއް ހިންގަމުންނެވެ. އަދި ކާފިއު ނޫން ވަގުތު ތަކުގައި ވެެސް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ނެތި ނުކުތުން ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ސަރުކާރު އޮފީސްތަކަށާއި ސްކޫލަތަކާއި ކޮލެޖުތަކަށް ދިއުން ވަނީ މެދުކަނޑާލާފައެވެ. ހަމައެއާއެކު ކޮވިޑްގެ މި ހާލަތަުގައި މިސްކިތްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ރެސްޓޯރަންޓް ކެފޭ، ޖިމް އަދި ސެލޫންތައް ވެސް ވަނީ އާންމުން ގިސް ހިދުމަތް ހޯދުން މެދުކަނޑާލަން އަންގާފައެވެ.

ކޮވިޑްގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 24،109 މީހުން އެބަ ތިއްބެވެ. ހޮސްޕިޓަލުގައި 204 މީހަކަށް ފަރުވާދެމުން އަންނަ އިރު ބަލީގައި ސީރިއަސް ވެ އައިސީޔޫގައި 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން 11 މީހަކު މިހާރު އޮތީ ވެންޓިލޭޓަރު ގައެވެ.