ކޮވިޑު ހަލުވިކަމާއެކު ފެތުރެމުން ދާތީ ގދ. ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަކޮށް، ކާފިއު ހިންގަން ނިންމައިފިއެވެ.

މީގެ ކުރިންވެސް ތިނަދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ހިންގިއެވެ. މިފަހަރު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހެވެ. އަދި މިވަގުތު އެ ރަށުގައި ބަލިޖެހިފާ ތިބި މީހުންގެ އަދަދު ވަނީ 161 އަށް އަރާފައެވެ.

އެރަށު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމުތަންތަނަށް މީހުން ނުކުތުން މަނާކަމަށާއި ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި މިފިޔަވަޅު އަޅާފައިވާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިއުން ހުއްޓާލަން ކައުންސިލުން ވަނީ އަންގާފައެވެ.

ތިނަދޫގައި އަޅާފައިވާ އިތުރު ފިޔަވަޅުތައް:

  • އެއް ގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
  • ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.
  • ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން.
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ގިނަ ބަޔަކު ބައިވެރިވެގެން ކުރިއަށްގެންދާ ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  • ފިހާރަތަކުން ހިދުމަތް ދޭއިރު އެޗްޕީއޭގެ އާއްމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތްދިނުން.
  • ޝިފްޓް ޑިއުޓީ އަދާކުރާ އޮފީސް ކުންފުނި ތަކުގައިވެސް ވީހާވެސް މަދު މުވައްޒަފުން ބޭނުންކުރުން.
  • ޒަރޫރީ ބޭނުންތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި އެޗްޕީއޭ ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުން.
  • ޓެކްސީ ކުރުމަށް އެޗް.ޕީ.އޭ އިން އެކުލަވާލައިފައިވާ އުސޫލާ އެއްގޮތަށް ޓެކްސީ ދުއްވާފަރާތްތަކުން އަމަލުކުރުން.
  • ދޮންވެލި ނަގާ ފަރާތްތަކަށް ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން އެކަމުގައި ހަރަކާތްތެރިވުން.

މީގެ އިތުރުން މަސްވެރިކަންކުރާ އުޅަނދުތަކަށް ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން މަހަށް ފުރުމާއި އުޅަނދުތަކުގައި ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ހުރިނަމަ ލަސްނުކޮށް ކައުންސިލް ހޮސްޕިޓަލް އެންގިމަށް ތިނަދޫ ކައުންސިލުން ވަނީ އަންގާފައެވެ. އަދި ތިނަދޫއަށް މުދާ ހިފައިގެން އަންނަ އުޅަދު ފަހަރާ އަދި އެހެން ރަށްރަށަށް ޒަރޫރީ ބޭނުންތަކަށް ކާބޯތަކެއްޗާއި ފެން އަދި ގޭސް އުފުލާ އުޅަނދުތައް ކުރިއާލައި ތިނަދޫ ހެލްޕް ޑެސްކްގެ ހުއްދަ ހޯދުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ތިނަދޫ ކައުންސިލުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިނަދޫ އަށް މުދާ ހިފައިގެން އަންނަ އެއްވެސް އުޅައަކުން ބާލާ މުދާތައް އޭގެ ވެރިވަރާތުން ގެންދިއުމުގައި އެޗްޕީއޭގެ މިންގަޑާއި އެއްގޮތަށް އަމަލުކުރުމަށާއި ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކުން އެއްވެސް ގޯއްޗެއްގެ ތެރެއަށް ނުވަނުން ހިމެނެއެވެ. އަދި ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު ޕަސެންޖަރުން އުފުލާ އުޅަނދުތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހަރަކާތްތެރިވުމާއި ތިނަދޫއިން ފުރާ ނުވަތަ ތިނަދޫއަށް އަންނަ ޕަސެންޖަރުން ފިޔަވައި އެހެން ފަރާތްތައް އެ އުޅަނދުތަކުގައި ނުއުފުލުމާއި އަދި ފަޅުވެރިންނާއި އުޅަނދު ދުއްވާފަރާތް ކާނޑެއްދޫއަށް ނޭރުމަށް ވަނީ ކައުންސިލުން އަންގާފައެވެެ.

ކައުންސިލުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިނަދޫ އިން އަތޮޅުގެ ރަށްރަށް ދަތުރުކުރާ ފަރާތްތަކުން ދުރާލައި އެކަމަށް ހުއްދައަށް އެދުމުން އެ ހުއްދަ ދިނުމުގައި ކައުންސިލުން އިތުރު ފިޔަވަޅު ތަކާއި އެކު ހުއްދަދިނުން ވެސް ހިމެނެއެވެ.