ރާއްޖޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށި ފަހުން ކޭސްތައް އިތުރުވެ އަނެއްކާވެސް ކޮވިޑް ބަލި ކޮންޓްރޯލެއް ނެތި ފެތުރުން އިތުރުވެ، ރަށަކަށް ފަހު ރަށެއް މޮނިޓަރިންގެ ހާލަތަށް ލައި މިހާރު ޖުމްލަ 27 ރަށެއް މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު 4 ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައިވާ އިރު ދެ ރަށެއް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ. މިއަދު މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މަހުގެ 8 ވަނަ ދުވަހު މޮނިޓަރިން އަށް ލީ ލ. ފޮނަދޫ އާއި ހދ ނެއްލައިދޫއެވެ. މިއަދު މޮނިޓަރިން ހާލަތަށް ގެނައި 4 ރަށަކީ ދ. ކުޑަހުވަދޫ އާއި ހުޅުދެލި، އދ. މަހިބަދޫ އަދި ގދ. މަޑަވެއްޔެވެ.
މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ ލިސްޓަށް ބަލާއިރު އިތުރު ރަށްރަށުގެ ތެރޭގައި ހިމެނެނީ އިއްޔެ މޮނިޓަރިންގެ ހާލަތަށް ލި ނ. ކުޑަފަރިއާއި، ގދ ތިނަދޫއެވެ. އެ ލިސްޓުގައި މިމަހުގެ 22 ވަނަ ދުވަހު ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށީ، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ ހިމަނާފައިވާ އިރު. މި މަހުގެ 21 ވަނަ ދުވަހު މޮނިޓަރިން އަށް ލީ ތ. ގުރައިދޫ ވެސް ހިމެނެއެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު ހއ ދިއްދޫ އަދި މި މަހުގެ 19 ވަނަ ދުވަހު ކ. ގުރައިދޫއާއި ބ. އޭދަފުށި ވަނީ މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފައެވެ.
ހަމައެއާއެކު މި މަހުގެ 16 ވަނަ ދުވަހު ގދ. ގައްދޫ، ރ. އުނގޫފާރު، ހދ، ހަނިމާދޫ މޮނިޓަރިންއަށް ލާފައިވާ އިރު، މި މަހުގެ 14 ވަނަ ދުވަހު ލ. ގަން، ދ. ބަނޑިދޫ، ބ. ދަރަވަންދޫ އެ ލިސްޓުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން މޮނިޓަރިންގެ ލިސްޓުގައި ހިމަނާފައިވާ ރަށްރަށަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހު ހދ. ނޮޅިވަރަމްފަރު، މިދިޔަ މަހުގެ 31 ވަނަ ދުވަހު ހއ. އިހަވަންދޫ އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކ. މާފުށި ހިމެނެއެވެ.
27 ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ އިރު، މޮނިޓަރިންގެ ހާލަތަށް ބަދަލު ނުކުރާ ގިނަ ރަށްރަށުން ވެސް އަންނަނީ ކޮވިޑް ކޭސްތައް ފެންނަމުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ޕޮޒިޓިވް ވެފައި ވަނީ ސްކޫލް ހުޅުވެން ކުޑަތަން ވެފައި ވަނިކޮށް މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނުލިބެނީސް ރަށްރަށަށް ދިއުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މި މަސް ފެށިގެން އައިރު 200 އިން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި ނަމަވެސް މިހާރު ކޭސްތައް އަންނަނީ 3000 އާ ގާތަށް ރިޕޯޓް ކުރަމުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1000 އިން މަތިން ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ އިރު ރަށްރަށުން އަންނަނީ 700 އިން މަތިން ކޭސްތައް ރިޕޯޓް ކުރަމުންނެވެ. މި މަހު ތެރޭ މިހާތަނަށް 24000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.