ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގާއި އުރީދުއަށް ރާއްޖޭގައި ޕޭމަންޓުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފިއެވެ.

ދިރާގަށާއި އުރީދުއަށް ޕޭމަންޓުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ލައިސަންސް ދިރާގާއި އުރީދުއަށް ދޫކުރުމާއެކު، އޭގެ ތެރެއިން އުރީދުއަށް ވަނީ ދެ ހިދުމަތެއް ދިނުމަށް ހުއްދަ ލިބިގެން ގޮސްފައެވެ. އެ ދެ ހިދުމަތަކީ:

  • އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް
  • ރެމިޓަންސް ހިދުމަތް

އެހެންކަމުން، އުރީދޫން އަލަށް ތައާރަފްކުރާ ރެމިޓަންސް ހިދުމަތުގެ ދަށުން، އެ ކުންފުނިން ދެމުންގެންދާ އެމް-ފައިސާގެ ހިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތް އެ ލައިސަންސްގެ ދަށުން ހަދާނެއެވެ.

އުރީދުއަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައި ވާއިރު، ދިރާގަށް ދޫކޮށްފައިވަނީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހުއްދައެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ، ގައުމީ ޕޭމަންޓު ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދުއަށް ދޫކުރުމުން، އެ ދެ ކުންފުނިންވެސް ޕޭމަންޓުގެ ހިދުމަތްތައް ދެމުންގެންދާނީ އެ ލައިސަންސްގެ ދަށުން ކަމަށެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު ގެޒެޓުގައި ޝާއިއުކޮށްފައި ވަނީ މިދިޔަ މޭ މަހުގެ 18 ގައެވެ.

އެހެންކަމުން ކުރިން ދިރާގާއި އުރީދުއަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަނީ ބާތިލްކޮށްފައެވެ.