ވީނުވީއެއް ނޭނގި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެ މައްސަލައިގައި މަރު ކޮމިޝަނުން މެލޭޝިޔާއަށް ގޮސް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސުވާލުކޮށްފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ދީދީއާ ސުވާލުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އަބްދުﷲ ދީދީ އަކީ ރިޟްވާނުގެ މައްސަލަ ކުރިއަށް ގެންދިޔަ އިރު ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ.

ރިޟްވާންގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން މެލޭޝިއާގައި ތިބި ބައެއް ދިވެހިންގެ ބަޔާން ނެގުމަށްޓަކައި، އެ ކޮމިޝަނާއި ފުލުހުންގެ ޓީމެއް އެގައުމަށް މިދިޔަ މަހުގެ ތެރޭގައި ދިޔައެވެ.

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފެއްތީ ކަމަށެވެ.

މަރުތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ކަމަށް ބުނެ، ސަރުކާރުން މަރު ކޮމިޝަނެއް އެކުލަވާލާފައި ވަނީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން ޔާމީން ރަޝީދުގެ އިތުރުން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާއި، ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލަތަކަކީ އެކޮމިޝަނުން ބަލަމުންދާ ނުނިމޭ މައްސަލަތަކެވެ.

ނަމަވެސް، އެ މަރުތަކުގެ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ މަރު ކޮމިޝަނުން ޒިންމާ އަދާނުކުރާ ކަމަށް ބުނެ އެކޮމިޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.