އިންޑިއާގެ އާބާދީގެ ނިސްބަތުން ބައި މަދު މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ ރޫހު، އެ ގައުމުގައި ގަދަ ވަމުން އަންނައިރު، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އދގެ ސާލަމަތީ މަޖިލީހުން ތެދުވަން ޖެހޭ ކަމަށް އދގެ ކުރީގެ އިސް އޮފިޝަލު، ހުއާން އީ މެންޑޭޒް ވިދާޅުވެއްޖެއެވެ.

މެންޑޭޒްއަކީ ގަތުލުއާންމު ހުއްޓުވުމަށް އދއިން އެންމެ ފުރަތަމަ ކަނޑައެޅި ހާއްސަ މުޝީރެވެ. ޔޫއެން ސްޕެޝަލް އެޑްވައިޒާ އޮން ޕްރިވެންޝަން އޮފް ޖެނޮސައިޑް (2004-2009) ގެ މަގާމަށް މެންޑޭޒް އައްޔަން ކުރެއްވީ އދގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާންއެވެ. މީގެ އިތުރުން މެންޑޭޒް ވަނީ ލާއިންސާނީ އަނިޔާ ދިނުމާ، އިންސާނީ ހައްގުތަކާ ގުޅޭ ދާއިރާތަކުންވެސް އިސް މަގާމުތަކެއް ފުރުއްވާފައެވެ. މިވަގުތު މެންޑޭޒް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ޕްރޮފެސަރެއްގެ ގޮތުގައި، އެމެރިކާގައެވެ.

އިންޑިއާގެ މަސްރަހުން ގަތުލުއާންމެއްގެ އިންޒާރުގެ ރަނގަބީލު ޖަހަމުން އަންނަ މި ދަނޑިވަޅުގައި އަލްޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެންޑޭޒް ވިދާޅުވީ، 200 މިލިއަނެއްހާ މުސްލިމުން ދިރިއުޅުމަށް އިންޑިއާގެ މަސްރަހު ނުރައްކާވަމުން އަންނަ ކަމަށެވެ.

ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އިންޑިއާގެ މުސްލިމުން މުޒާހަރާކުރަނީ/ފޮޓޯ: ރޮއިޓާޒް

މިދިޔަ މަހު ހަރިދްވާރުގައި ހިންދޫ ލީޑަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން އެއްވެގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދެއްކި އެކި މީހުން ވަނީ، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމަކަށް ތައްޔާރު ވުމަށް ގޮވާލާފައެވެ. އެގޮތުން، ހިންދޫންގެ ތެރެއިން 100 އެއް މީހުން ލަޝްކަރު ހަދާ، 2 މިލިއަނެއްހާ މީހުން މަރާ، ކާމިޔާބު ހޯދުމަށް ހިންދޫ އާންމު މަޖިލީހުގެ ސާދުވީ އަންނަޕޫރުނާ މާ ގޮވާލާފައެވެ.

މި މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވާއިރު، މުސްލިމުން ގަތުލު ކުރުމަށް ހިތްވަރު ދިން މީހުން ހައްޔަރު ކުރުމަށްވެސް އެކި މީހުން ދަނީ ގޮވާލަމުންނެވެ. 2 މީހަކު ހައްޔަރު ކޮށްފައި ވާ އިރު، އެހެން މީހުން އަދިވެސް އުޅެނީ މިނިވަނުންގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން މެންޑޭޒް ވިދާޅުވީ، ވަގުތު ފާއިތުވުމުގެ ކުރިން ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރު އަދާ ކުރަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް އދގެ އާންމު މަޖިލިސް، ސަލާމަތީ މަޖިލިސް އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އަވަސް އިޖާބައެއް ދޭން ޖެހޭ ކަމަށް މެންޑޭޒް ވިދާޅުވިއެވެ.

މެންޑޭޒް ވަނީ އަދުގެ މުޖުތަމައުގެ ހާލަތަށް ބަލާއިރު، ގަތުލުއާންމެއް ހުއްޓުވުމުގެ ހަމްދަރުދީ، ކޯފީ އަނާންގެ ޒައާމަތުގައި އޮތް ވަރަށް ނެތް ކަމަށްވެސް އިޝާރާތް ކުރައްވާފައެވެ.

އދ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

އަލްޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެންޑޭޒް ވަނީ، މޯދީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ، އެ ގައުމުގެ އާބާދީގެ ނިސްބަތުން ބައި މީހުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ސިޔާސަތުތަކެއް ކަމަށް ވިދާޅުވެފައެވެ. މިފަދަ ކަންކަމުގެ ސަބަބުންވެސް ގަތުލުއާންމަށް މަގުފަހި ކުރުން އެކަށީގެން ވާ ކަމަށް މެންޑޭޒް ވަނީ އިޝާރާތް ކުރައްވާފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމުގެ ލަގަބު ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ އިންޑިއާގައި، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ފެށިދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ގްރެގަރީ ސްޓޭންޓަންވެސް ވަނީ ދެއްވާފައެވެ.

ގްރެގަރީ ސްޓޭންޓަންއަކީ 1994 ވަނަ ރުވާންޑާގައި ގަތުލުއާންމު ހިންގުމުގެ ކުރިން، އެ ގައުމުގައި އެފަދަ ކަމެއް ހިނގާފާނެ ކަމުގެ އިންޒާރު ދިން ތަޖުރިބާކާރެވެ.

މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ގަތުލުއާންމެއް ފަށާފާނެ ކަމުގެ އިންޒާރު، ޖެނޮސައިޑް ވޮޗްގެ ބާނީ އަދި ޑައިރެކްޓާ، ސްޓޭންޓަން ދެއްވާފައި ވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމަކީ އިންޑިއާއިން ބަލަހައްޓަމުން އަންނަ ކަޝްމީރާއި އައްސާމްގައި ގަތުލުއާންމެއް ހިންގަފާނެ ކަމަށް ބެލެވޭ ނިޝާންތަކާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރާއި (ކ) އާއި އަބްދުﷲ ޝާހިދު

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ސްޓޭންޓަން ވިދާޅުވީ ގަތުލުއާންމަކީ އެއް ފަހަރުން ހިނގާ ހާދިސާއެއް ނޫން ކަމަށާ، އެއީ މަރުހަލާތަކަކަށް ބެހިގެން ހިނގާ ކަމެއް ކަމަށެވެ. މި މޭރުމުން އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ގެންގުޅުއްވާ ސިޔާސަތުތަކާ، ރޯހިންޏާ މުސްލިމުންނާ ދެކޮޅަށް 2017 ވަނަ އަހަރު މިޔަންމާގައި ގެންގުޅުނު އުސޫލުތައް އަޅާ ކިއުއްވާފައެވެ.

މިފަދައިން ސްޓޭންޓަން ދެއްކެވި އެއް މިސާލަކީ، ކަޝްމީރުގެ އިންޑިއާއާ ވީ ފަޅިއަށް ލިބިދީފައި އޮތް މިނިވަން ކަމުގެ ބާރު، 2019 ވަނަ އަހަރު ކަނޑާލި ކަނޑާލުމެވެ. މޯދީ ސަރުކާރުގެ އެ ނިންމުމަކީ 70 އަހަރު ވަންދެން ކަޝްމީރުގެ ރަށްވެހިންނަށް ލިބިދިން މިނިވަން ކަމުގެ ފިނި ހިޔަލުން، ބަންދުގެ ކޮއިލަކަށް ވައްޓާލި ނިންމުމެކެވެ. ހަމަ އެހަރު، އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް "އިސްލާހް" ގެނެސް، މުސްލިމުން އެކަހެރި ކުރި ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

މިޔަންމާގައި ދިރިއުޅުމުން ދިޔަ ރޯހިންޏާ ދަރިކޮޅުގެ މީހުންނާ މެދުވެސް އެންމެ ފުރަތަމަ އަމަލު ކުރީ އެއީ ރަށްވެހިން ނޫން ކަމަށް ބުނެ ކަމަށާ، އެއަށްފަހު ގައުމުން އެމީހުން ބޭރު ކުރީ ހަމަނުޖެހުމާއި ގަތުލުއާންމު ހިންގައިގެން ކަމަށް ވާއިރު، މިފަދަ މަންޒަރެއް އިންޑިއާއިން ފެނިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށްވެސް ސްޓޭންޓަން ވަނީ ވިދާޅުވެފައެވެ.

މޯދީގެ ސަރުކާރުން އިންތިހާއަށް ޕްރޮމޯޓް ކުރަމުން ގެންދާ "ހިންދަތުވާ"އަކީ އިންޑިއާގެ ތާރީހާއި ގާނޫނު އަސާސީއާވެސް ފުށު އަރާ ކަމެއްކަން ފާހަގަ ކުރައްވަމުން ސްޓޭންޓަން ވަނީ، މޯދީއަކީ "ސަރުކާރުގެ ކޮންޓްރޯލް ނަގާފައި ވާ، ހައްދުފަހަނަ އެޅި އެކްސްޓްރީމިސްޓެއް" ކަމަށް ސިކުރައްވާފައެވެ.

ރުވާންޑާ ގަތުލުއާންމު ހިންގުމުގެ 5 އަހަރު ކުރިން، ސްޓޭންޓަން ވަނީ އެފަދަ ކަމެއް ހިނގާފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ސްޓޭންޓަން ދެއްވި އިންޒާރާ އެއްގޮތަށް، 1994 ވަނަ އަހަރު ރުވާންޑާގައި ގަތުލުއާންމު ހިންގާ، 8000000 އެއްހާ މީހުންގެ ފުރާނަ ދުއްވާލިއެވެ.

ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުން މަނާ ކޮށްފައި ވާ ކޮލެޖުގެ ދަރިވަރުން އިދާރާގައި / ފޮޓޯ: އަލްޖަޒީރާ

ސްޓޭންޓަން ވިދާޅުވީ، އެފަދަ ކަމެއް، އިންޑިއާގައި ހިންގަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އިންޑިއާގައި ގަތުލުއާންމެއް ހިންގަފާނެ ކަމުގެ އިންޒާރު، ޖެނޮސައިޑް ވޮޗްއިން ދޭން ފެށީ 2002 ވަނަ އަހަރުއެވެ. އެއީ އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ހަމަނުޖެހުންތަކެއް ހިންގާ، 1000 އަށް ވުރެ ގިނަ މުސްލިމުން ޝަހީދު ކޮށްލި ހާދިސާއަށް ފަހުއެވެ.

ކަން މިހެން އޮތް އިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިއާގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އާކަރު ޕަޓޭލް ވަނީ ރިޕޯޓްތަކާ މެދު ސީރިއަސް ވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އިންޑިއާގައި ހިންގާފައި ވާ މަދަނީ ހަމަނުޖެހުންތަކަށް ބަލާއިރު، މުސްލިމުންނާ ދެކޮޅު ރޫހެއް ފެތުރުމަށް ދައުލަތުން މަސައްކަތް ކުރާ ކަމަށް ނުވަތަ، އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ސިފަވާ ކަމަށް ޕަޓޭލް ވަނީ ވިދާޅުވެފައެވެ.

ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ވެރިކަމުގައި، އިންޑިއާއަކީ މުސްލިމުންނަށް އެންމެ ނުރައްކާ އެއް މަންޒިލް ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އިއްތިފާގުވާ ކަމީ، ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ޖިސްމާނީ، ނަފްސާނީ އަދި އިގުތިސޯދީ ގޮތުން މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގާ ޖަރީމާތަކުގެ ވާހަކަތައް ކޮންމެ ދުވަހަކުމެހެން މީޑިއާއަށް ތިލަވެއެވެ.