ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް ކުރި މި ކާމިޔާބު ދަތުރު ނިންމުމަކަށް އަންނައިރު، ހިތުގެ އެންމެ ފުންމިނުން ރައީސް މުއިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމުގައި މޯދީ ވިދާޅުވިއެވެ. މީގެ އިތުރުން މޯދީ ވިދާޅުވީ ރައީސް މުއިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދެހިވެގެންދާނެކަމަށެވެ.

އިއްޔެ މޯދީ ރާއްޖެއަށް ވަޑައިގެން ސަރުކާރުގެ އިސްވެރިންނާއި، ސިޔާސީ ޕާޓީތަކުގެ އިސް މެންބަރުންނާއި އެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. އެގޮތުން ރައީސް އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ދައްކަން ޖެހޭ ދަރަންޏަށް ލުއި ގޮތެއް ހަމަޖައްސައިދިނުމާއި އަސްކަރީ ދާއިރާއަށް ބޭނުންވާ ބަރު އުޅަނދު ހަދިޔާ ކުރެއްވުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މޯދީ ވަނީ މިއަދު ރާއްޖޭގައި ކުރިއަށް ގެންދިޔަ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.