ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ، ޑީސަލް އަދި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން އެސްޓީއޯ އަށް ތެޔޮ ގަންނަން ލިބޭ އަގު ވެސް ބޮޑުވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ކުރިން އެސްޓީއޯއިން ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 11.16 ރުފިޔާއެވެ. ނަމަވެސް އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.06 ރުފިޔާއަށެވެ.

އަދި އެސްޓީއޯއިން 11.84 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު ވަނީ 12.44 ރުފިޔާއަށް އަރާފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ދޭތެރެ ދޭތެރެ އިން އަންނަނީ ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ބޮޑު ކުރަމުންނެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފަސޭހަގޮތެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ކަމަށެވެ.