މިއަދު ރާއްޖެއިން ކޮވިޑް ބައްޔަށް 2199 މީހަކު ޕޮޒިޓިވް ވެ، މި ވަގުތު ކޮވިޑް ބަލި ޖެހިފައި ތިބި ޖުމްލަ މީހުންގެ އަދަދު 10537 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 6598 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން 2199 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1348 މީހަކާއި، އަތޮޅުތެރެއިން 531 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 83 މީހެކެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 10537 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 110،931 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 43 މީހަކަށް އަންނަނީ ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 684 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 269 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަދު ބވަނީ ކޮވިޑްގައި 4 މީހަކު މަރުވެފައެވެ. އެއާއެކު މި އަހަރު ފެށިގެން މިއަދާ ހަމައަށް 20 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ 6 މީހެކެވެ.
ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ މިއަދާ އެކު މި ވޭތުވެދިޔަ ތިން ދުވަހުއެވެ. އިއްޔެ 2137 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ކުރީ ދެ ދުވަހު 1594، 1420 މީހަކު ޕޮޒިޓިވް ވެފައިވަ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއާއެކު މި މަހު ޖުމްލަ ވަނީ 15231 އަށް އަރާފައެވެ.
ރާއްޖެއިން އޮމިކްރޯން ފެނިފައިވާ ކަމަށާއި މާލެ އާއެކު ދ. ކުޑަހުވަދޫ އާއި ކ. މާފުށިން އޮމިކްރޯން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. މިހާތަނަށް އޮމިކްރޯން ފެނުނު ސަރަހއްދުތައް އާންމު ކުރި ފަހުން ކޭސްތަކުގެ އަދަދުތައް ހަލުވި ސްޕީޑެއްގައި މައްޗަށް ދާތަން އަންނަނީ ފެންނަމުންނެވެ، ނަމަވެސް މިހާރު ފެނިފަިއވާ ކޮވިޑް ކޭސްތަކުގެ ތެރެއިން އޮމިކްރީން ޖެހުނީ ކިހާ އަދަދެއްގެ މީހުންނަށް ކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.