ކޮވިޑްގެ އާ ވޭރިއަންޓްގެ ގޮތުގައި ފެނިގެން އުޅޭ އޮމިކްރޯން ވޭރިއަންޓް ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކަމަށް ވިދާޅުވެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް، ރޯގާގެ ނުރައްކަލުގެ މިންގަނޑާ މެދު ސުވާލު އުފައްދަވައިފިއެވެ.

ފައިސަލް މިހެން ވިދާޅުވީ، ޑރ. ޓޮމް ފްރީޑަން ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ. ޑރ. ޓޮމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، އިންފެކްޝަސް ޑިޒީޒް އައުޓްބްރޭކް ތަކުގައި 30 އަހަރު މަސައްކަތް ކުރެއްވުނު އިރު، އޮމައިކްރޯންގެ ސްޕީޑް ފަދަ އެއްޗެއް ދުވަހަކު ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިއީ އިމިއުން ނޫން އާބާދީއެއްގައި ހިމަބިހި ފެތުރޭ ފަދަ ސްޕީޑެއްގައި ފެތުރޭ އެއްޗެއް ކަމަށެވެ. އަދި އޮމިކްރޯން ފެތުރެން އަވަސް ވެފައި އިންކިއުބޭޓް ވާން ނަގާ މުއްދަތު ކުރު ކަމަށެވެ.

މި ވާހަކަތަކަށް ތާއީދު ކުރައްވަމުން ރާއްޖޭގެ ހާލަތު ސިފަ ކުރައްވަމުން ފައިސަލް ވިދާޅުވީ، މިހާރު މި ބަލި ފެތުރޭލެއް ހަލުވި ކަން ފެންނަމުން އަންނަ ކަމަށާއި އޭގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ސަލާން ބުނާ މީހުން ގިނަވެ، މަދުރަސާއަށް ނުދެވޭ ކުދިން ގިނަވަމުން އަންނަ ކަމަށެވެ. ހަމައެއާއެކު އާންމުންނަށް ހިދުމަތް ދޭން ޖެހޭ ތަންތަނުގައި ހިދުމަތްތައް ނުދެވި ލަސްވެފައި ވާ ކަމަށާއި ހޮސްޕިޓަލުން ދޭން ޖެހޭ ހިދުމަތްތައް މެދުކަނޑާލަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ކަހަލަ ރޯގާއެއް ފައްތާނީ ކޮން ކެޓަގަރީއަކަށްތޯ އައްސަވާ އޭނާ ސުވާލު އުފެއްދެވިއެވެ. މި ރޯގާ ފައްތާނީ އާދައިގެ ރޯގާއަކަށް ތޯ ނުވަތަ ނުރައްކާތެރި ބަޔައްތޯ އޭނާ އެއްސެވިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް

މި ވޭރިއަންޓަކީ ހިމަބިހި ހާ ހަލުވި މިނެއްގައި ފެތުރޭ އެއްޗެއް ކަމަށާއި މީގެ ނުރައްކާ ވާނީ މި ބަލިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިން ނުޖެހޭ މީހުންނަށް ކަމަށް ފައިސަލް ވިދާޅުވެއެވެ. އެގޮތުން ވެކްސިން ނުޖެހޭ އުމުރު ފުރާގެ ކުދިންނާއި ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ނުރައްކާ އިތުރު ވާނެ ކަމަށް ފައިސަލް ފާހަގަ ކުރެއްވިއެވެ.

މި ދުވަސްވަރުގައި ގޭ ބަންދުގައި ތިބޭ ނަމަ ސަމާލުވާން ޖެހޭ ކަންކަމަށް ވެސް ފައިސަލް ވަނީ އަލިއަލުއްވާ ލައްވާފައެވެ. ގޭގައި ތިބޭ އިރުވެސް މާސްކް އެޅުމާއި ގައިދުރު ކަން ދެމެހެއްޓުމާއި، ސާފުކަމަށް ސަމާލުކަން ދިނުމަކީ މިވަގުތު ކޮވިޑުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކޮވިޑްގެ ނުރައްކަލުގެ ވާހަކަ މި ވަގުތު ދައްކާއިރު، އެ ބަލި ޖެހިގެން މިވަގުތު ކުޑަކުއްޖަކު އެޑްމިޓްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މިހުންގެ އަދަދު ވަނީ 9500 އިން މައްޗަށް އަރާފައެވެ. އިއްޔެ 2137 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު މުޅި ޖެނުއަރީ މަހުތެރޭ ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13000 އިން މައްޗަށް އަރާފައެވެ. މި ވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 43 މީހަކަށް މިހާރު އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

ކޮވިޑްގައި މިއަދު ވަނީ 4 މީހަކު މަރުވެފައެވެ. އެއީ ލާމު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހަކާއި އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އެކަކާއި ހުޅުމާލެ ފެސިލީޓިގައި ފަރުވާ ދެމުން ދިޔަ އެކަކެވެ. އެއާއެކު މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 7 އަށް އަރާފައެވެ.