ހާއްސަ އެހީހަށް ބެނުންވާ ކުދިންނަށް މަލާމާތް ރައްދުވާ ގޮތަށް، މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒު ދެއްކެވި ވާހަކަ ބަލައިނުގަނެވޭނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރަމީޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 36 ވަނަ ރަސްމީ އާންމު ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މަލާމާތް ރައްދު ވާ ގޮތަށް ރަމީޒު މަލާމާތް ކުރީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ "އޯޓިސްޓިކް ކުއްޖެއް" ކަމަށް ސިފަ ކުރައްވައެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ސިޓީ ކައުންސިލް ޖަލްސާގައި ހާއްްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަޖޫ ޖަހާ މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުހާތަބު ކޮށް ދަށު ދަރަޖައިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައި ވުން ކުށްވެރި ކުރާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރުގެ މިއަމަލަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސް ވީ މީހުންނަށް، ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ، އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބެންޖެހޭ ހައްގު ގެއްލިގެން ދިޔަ އަމަލެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ)ގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް އެމީހުންނާއި ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި ފުރައްސާރަ ކުރުމަކީ މަނާ ކަމެއް ކަމުގައި ބަޔާން ކޮށްފައިވާ މާއްދާއަށް ފެތޭ އަމަލެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މާލެ ސިޓީ ކައުންސިލުގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވާއިރު މި ޖަލްސާގައި ކައުންސިލަރު އާދަމް ރަމީޒު ވަނީ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ދާކަން ފާހަގަ ކުރައްވާ، ސަރުކާރުގެ ބައެއް ވުޒާރާތަކުގައި އޯޓިސްޓިކް ކުދިން ތިބޭ ކަމީ އޭނާ ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ހައިރާނެއް ނުވޭ، ބައެއް މިނިސްޓްރީތަކުގައި އެބަތިބި އޯޓިސްޓިކް ކުދިން. އޭގެތެރެއިން އަކްރަން ކަމާލުއްދީން އަކީ އޭގެ ކުއްޖެއް ކަމަށް އަޅުގަނޑު މިބަލަނީ. މިހެން މިބުނާ ސަބަބަކީ އަޅުގަނޑުމެން ހަމަ މަސައްކަތެއް ކުރަން ތައްޔާރު ވާއިރަށް އެބޭފުޅާ އެބަ ބުނޭ، މިކަމެއް ނުވާނޭ. އެކަމެއް ނުވާނޭ.
އާދަމް ރަމީޒު

ރަމީޒު ވަނީ މިކަމަށް ފަހުން މާފަށް އެދިވަޑައިގެންފައެވެ. މިގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އޯޓިސްޓިކް ކުދިންނަށް ކުޑައިމީސް ކޮށް ވިދާޅުވި ވާހަކައެއް ނޫން ކަަމަށެވެ.