ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މިހާރު އަންނަނީ އެއް ދުވަހުން އަނެއް ދުވަހުން އިތުރުވަމުންނެވެ. އެގޮތުން އިއްޔެ މާލެއިން 826 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1420 އަށް އަރާފައިވާ އިރު، ކޭސްތައް ކިތަންމެ އިތުރުވަމުން ދިޔަޔަސް އެކަމާ ބިރުގަންނަ ބަޔަކު ނެތީ ހެއްޔެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި 6456 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން މާލެ ސަރަހައްދުން 3439 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން 820 މީހަކާ އެކު މުޅި ރާއްޖެއިން 1420 މީހުން ޕޮޒިޓިވް ވުމުން އެއީ 24 ޕަސެންޓަށް އިތުރު ވުމެކެވެ. ނަމަވެސް މާލޭގެ މަގުތަކަށް ނުކުމެ ބަލައިލައިފި ނަމަވެސް ކޮވިޑް ކޭސް އިތުރުވެގެން، އެކަމާ ކަންބޮޑުވެ މީހުން ހޭލަ މޭލަ ވުން މަދު ވާ ތަނެއް ނުފެނެއެވެ.
މީގެ އިތުރުން އަތޮޅުތެރެއިން ކޮވިޑަށް ޕޮަޒިޓިވްވެފައިވާ މީހުންނަށް ބަލާއިރު އިއްޔެ ވަނީ 346 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ރިސޯޓްތަކުން 84 މީހަކާއި ލިވަބޯޑުން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 5118 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 105،001 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު 32 މީހުން އެނދުމަތިކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޭސްތައް ރޮކެޓް ސްޕީޑްގައި އަރައިގެން ދާ މަންޒަރު މިއަދު ފެންނަ އިރު އެއްވެސް ބަޔަކު މިކަމާ ކަންބޮޑުވެގެން އުޅޭ މަންޒަރެއް ނުފެނެއެވެ. ފަރުދީ ޒިންމާ އަދާކޮށްގެން ކޭސްތައް ކޮންޓްރޯލް ކުރެވޭ ފަދަ ގޮތަކަށް ކަންކަން އޮތް އިރު ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވިޔަސް އަމިއްލަ އަށް ކަރަންޓީންގައި މަޑު ކުރަން ބޭނުން ނުވެ އެކަން ހާމަ ނުކުރާ އެތައް ބަޔަކު އެތަން މިތާނގައި އެނބުރެނީއެވެ. ބޭރަށް ނުދެވި ގޭބަންދެއްގައި ހުންނަ ޖެހިދާނެތީ ކޮންޓެކްޓެއް ކަން ހާމަ ނުކުރާ އެތައް ބަޔަކު އެބަތިއްބެވެ. ފިހާރަތަކުގައި ތޮއްޖެހުން ދަށް ނުވާކަން ބައެއް ބޮޑެތި ފިހާރަތަކަށް ވަދެ ބަލާލިއަސް ފެންނާނެއެވެ. ފިނި މައިޒާންތަކާއި މާލެ ސަރަހައްދުގައި ހަދާފައިވާ ރަސްފަންނު ބީޗް ފަދަ ތަންތަނަށް މީހުން އެއްވުން މަދެއް ނުވެއެވެ.
މި ކަމާ ގުޅިގެން ދެން ގިނަ ބަޔަކު ކުރާ ކަމަކީ އެޗްޕީއޭ ގޯސް ކުރުމެވެ. ކޮންމެ ވެސް ބައެއްގެ ބޮލުގައި ތުހުމަތެއް އަޅުވައިގެން ކަންކަން އޮއްބާލާ މީހުން ގިނަވެފައިވާ މި މުޖުތަމައުގައި އަނެއްބަޔަކު ބުނަނީ އެޗްޕީއޭއަށް ރަނގަޅަށް ފިޔަވަޅުތައް ނޭޅެނީ ވިޔަފާރުވެރިންނާ ހެދި ކަމަށެވެ. ނުވަތަ ސިޔާސީ މަންފާއަށް ސަރުކާރަށް އެއްބާރުލުން ދޭ ގޮތަށް އެޗްޕީއޭގެ ފިޔަވަޅުތައް އަޅާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އަންނަ މަހުގައި އޮތް ބައި އިލެކްޝަނަށް މި ވަގުތު ކޮމަންޑޫ ދާއިރާގެ މެންބަރު ހޮވުމަށް ކެމްޕެއިން ކުރަމުން ދާތީ އެކަމަށް ބުރޫ އަރުވަން ބޭނުން ނުވާތީ ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ.
ކޮވިޑް ކޭސްތައް މިހާ މައްޗަށް ދާ އިރު ހާއްސަކޮށް ތޮއްޖެހި، ބައިބޯ ވެފައިވާ މާލޭގައި މިހާ ގިނަ ކޭސްތަކެއް ރިޕޯޓް ކުރާ އިރު އާންމުން ވެސް ފަރުދީ ޒިންމާ އަދާ ކުރުމަކީ އޮތް ކަމެކެވެ. މީގެ ކުރިން ކަންކަން ދިމާވި ގޮތަކީ ތަޖުރިބާއެއް ކަމަށް ބަލާ، ފަރުދީ ޒިންމާ އަދާ ކުރާތަން ފެންނަލެއް މަދުވުކަމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އެޗްޕީޢޭއިން ނެރޭ ތަފާސްހިސާބުތަކަކީ ހަމަ ޖަހާލާފައި އިތުރު ކޮށްލާ ނަންބަރުތަކެއްގެ ގޮތުގައި ހީކޮށް އެއްވެސް ބިރުވެރިކަމެއް ނެތި މި ވަގުތު މީހުން މި އުޅެނީ ގިނަ މަރުތަކެއް ނުފެންނާތީ ކަމަށް ވެސް ވެދާނެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 679 ދުވަސްވެފައި ވާއިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 265 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް އައި އިރު މި ބަލީގައި މަރުވެފައި ވަނީ ތިން މީހެކެވެ.
ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ އިއްޔެއާ އެކު ވޭތުވެދިޔަ ތިން ދުވަހުއެވެ. އިއްޔެ 1420 މީަހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ކުރީ ތިން ދުވަހު 1209، 953، 967 މީހަކު ޕޮޒިޓިވް ވެފައިވަ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއާއެކު މި މަހު ޖުމްލަ ވަނީ 9301 އަށް އަރާފައެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށި ކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ. އަދިވެސް ކޭސްތައް އިތުރު ވަމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅޭ މީހުންނާއެކު މަޝްވަރާ ކުރަމުންނެވެ.
މިހާރު ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ އިރު، މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސެއްގެ ގައިން މި ވޭރިއަންޓްގެ ވައިރަސް ވަނީ ފެނިފައެވެ. އެގޮތުން އޮމިކްރޯން ފެނިފައިވަނީ މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މިވަގުތު ކޭސްތައް އިތުރުވަމުން އަންނާތީ ވަނީ ފާއިޒާ ބޫސްޓާ ޑޯޒް އާންމުންނަށް ހުޅުވާލައިގެން ޖަހަން ފަށާފައެވެ. މި ވަގުތު ގިނަ ބަޔަކު ބޫސްޓާ ޑޯޒް ޖަހަމުން އަންނަ އިރު އަދިވެސް ކޭސްތައް މަދެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް ކޭސްތައް އިތުރުވަމުން އަންނާތީ ސިއްހީ މާހިރުން އަންނަނީ ކޮވިޑުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކޮށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އުޅުމަށް ގޮވާލަމުންނެވެ.
ކޭސްތައް އިތުރުވެއްޖެ ނަމަ އަނެއްކާވެސް ތަންތަން ބަންދުކޮށް، ކާފިއު ހިންގާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ގޭ ބަންދެގައި ތިބުމުގެ ތަޖުރިބާ އަކީ ވެސް ހިތި ތަޖުރިބާއެއް ކަމަށް ބުނިހެން މިއަދު "ވަރިހަމަ" ކޮށްލައިގެން ތިބެވޭކަށް ނެތެވެ. ބޫސްޓާ ޑޯޒް ޖަހައި، މާސްކް އެޅުމާ ގައިދުރުކަން ދަމަހައްޓައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވެ، މީިހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް މީހުންނަށް ކޮންޓެކްޓް ނުވެ އުޅެވިއްޖެ ނަމަ އަނެއްކާވެސް ކޭސްތައް ކޮންޓްރޯލް ކުރެވިދާނެއެވެ. ބޭނުންވަނީ ހަރުކަށި ފިޔަވަޅުތަކެއް ނޫނެވެ. ފަރުދީ ޒިންމާ އިސްކޮށްފި ނަމަވެސް ކޮވިޑު ފެތުރުން ބޮޑުތަނުން ދަށްކޮށްލެވޭނެއެވެ.