ކ. މާފުށީ ޖަލުން މިހާތަނަށް 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ މާފުށި ޖަލުން މިހާތަނަށް 36 ގައިދީއަކު ޕޮޒިޓިވްވެފައިވާ ކަމަށާއި މި ކޭސްތަކާ ގުޅިގެން 68 ގައިދީއަކު އެކަހެރިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން 5 އޮފިސަރަކު ޕޮޒިޓިވްވެފައިވާއިރު އެކޭސްތަކާ ގުޅިގެން 12 އޮފިސަރަކު އެކަހެރި ކޮށްފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅާ މިމަހު 14 ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ވަނީ ގެނެސްފައެވެ. މީގެ އިތުރުން މާފުށީ ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް 9 ގައިދީއަކާއި އޮފިސަރެއް މާފުށި ޖަލުން ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެގޮތުން އެފަހަރު 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.