"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށާއި އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފު މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ތާއީދުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ލަތީފު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ޓީޗަރުންނަށް ބިރުދައްކާ ސުކޫލުތަކުގެ ފާރުގައި ޝިއާރުތައް ލިޔަމުންދާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ތިބި އިންޑިއާ މީހުންނާ ދިމާކުރަން ހިތްވަރު ދިނުން ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.

މީގެ ސަބަބުން އިންޑިއާގައި ތިބި ދިވެހިންނާއި ދިވެހި އާއިލާތަކަށް ނުރައްކާވާނެ ކަމަށާއި ކުލުނެއް ހުރި ނަމަ އެފަދަ ނުރައްކާތެރި ވާހަކައެއް ނުދައްކަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަންޖެހޭ. މިގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް މިހާރު ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ،
ހަސަން ލަތީފް

ލަތީފު އިތުރަށް ވިދާޅުވީ، ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކު ނުކުމެވަޑައިގެން "އިންޑިއާ އައުޓް" އޭ ކިޔައިގެން ހިންގަވާ ކެމްޕެއިންގެ ފަހަތުގައިވާ ކަންކަމަކީ ކޮބައިކަން ހޯދަންޖެހޭ ކަމަށެވެ.