މާލެއިން 514 މީހަކު ޕޮޒިޓިވްވެ މިއަދު ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު 954 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7273 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 954 މީހުންނެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 514 މީހަކާއި، އަތޮޅުތެރެއިން 326 މީހަކާއި ރިސޯޓްތަކުން 36 މީހަކާއި ލިވަބޯޑުން 6 މީހަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 5118 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 102،372 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 23 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 677 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 265 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް އައި އިރު މި ބަލީގައި މަރުވެފައި ވަނީ ތިން މީހެކެވެ.

ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯތް ކޮށްފައި ވަނީ މިއަދާ އެކު ވޭތުވެދިޔަ ދެ ދުވަހުއެވެ. އިއްޔެ 967 މީހަކު އޭގެ ކުރީ ދުވަހު 816 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މި މަހު ޖުމްލަ 6672 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.

މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

އަދިވެސް ކޭސްތައް އިތުރު ވަމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅޭ މީހުންނާއެކު މަޝްވަރާ ކުރަމުންނެވެ.

މިހާރު ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ އިރު، މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސެއްގެ ގައިން މި ވޭރިއަންޓްގެ ވައިރަސް ވަނީ ފެނިފައެވެ. އެގޮތުން އޮމިކްރޯން ފެނިފައިވަނީ މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.