ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކޮވިޑް-19އަަށް ޕޮޒިޓިވް ވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ، އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް މިދުވަސްކޮޅު ޖަވާބު ނުދެއްވެނީ އެ ސަބަބާ ހުރެ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އަދި މިދުވަސްކޮޅު ހުންނެވީ މެޑިކަލް ލީވްގައި ކަމަށާއި ހާލު ރަނގަޅު ވީހާ އަވަހަކަށް މަސައްކަތަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް، ގިނަ ބައެއްގެ ތެރޭގައި މަގްބޫލުވެގެން ގޮސްފައި ވަނީ ކޮވިޑް-19އާ އެކު އުފެއްދި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނަވާ އޭރުދެއްވި ޕްރެސްތަކުންނެވެ.

އޭގެ ފަހުން މަބްރޫކު ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަގާމު ފުރުއްވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު އިއްޔެ މިބައްޔަށް ވަނީ 967 މީހުން ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވްވި 475 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 290 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 87 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.