ގާޒާ އަށް އެހީ ހިފައިގެން، މަޝްހޫރު ގިނަ އެކްޓިވިސްޓުން ދަތުރު ކުރަމުން ދިޔަ 'މަދްލީން' ބޯޓު ގަވައިދާ ހިލާފަށް ހުއްޓުވައި އިޒްރޭލަށް އެބަގެންދެއެވެ.

ގާޒާ އާއި 100 މޭލު ދުރުން ބައިނަލްއަގުވާމީ ކަނޑުގައި ނުވަތަ އިންޓަނޭޝަނަލް ވޯޓާސް ގައި ތިއްބައި އިޒްރޭލު ސިފައިން އެ ބޯޓު ވަށާލައި ވަނީ ހިސާރު ކޮށްފައެވެ. އަދި ލޯ ކަރާ ޒާތުގެ ސްޕްރޭއެއް ބޯޓަށް ޖަހާ ބޯޓަށް އެރުމަށް ފަހު އޭގައި ތިބި އެންމެން ވަނީ ރަހީނު ކޮށްފައެވެ.

ގާޒާއަށް ރަމްޒީ އެހީ ހިފައިގެން ދިޔަ ބޯޓުގައި ތިމާވެށި ހިމާޔަތް ކުރަން ގޮވާލައި ކުރާ މަސައްކަތުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ލިބި މަޝްހޫރު ވެފައި ވާ އުމުރުން 22 އަހަރުގެ ގްރެޓާ ތުމްބާގް އާއި ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ރިމަ ހަސަން އާއި އެކިއެކި ދާއިރާތަކުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އަދި މަސައްކަތް ކުރާ ޖުމްލަ 12 އެކްޓިވިސްޓަކު އެ ބޯޓުގައި ހިމެނެއެވެ.

އެމީހުން ދަތުރު ކުރަމުން ދިޔައީ އިޒްރޭލުން ގާޒާގެ އެހީ ބަންދު ކޮށްފައި އޮތުމުން، ރަމްޒީ އެހީއެއް ފޯރުކޮށްދިނުމަށް ގާޒާއަށް ދިޔުމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް އެ މީހުން ހުއްޓުވައި ބޯޓަށް އަރައި އެންމެން ރަހީނު ކޮށްގެން ބޯޓާއެކު އިޒްރޭލަށް ގެންދިޔުމަށް ވަނީ މިސްރާބު ޖަހާފައެވެ.

މި ޖަރީމާއާއެކު އިޒްރޭލުން ބުނެފައި ވަނީ، އެކްޓިވިސްޓުން އިޒްރޭލަށް ގެންދަނީ، އޮކްޓޯބަރު 7، 2023 ވީ ދުވަހު ހަމާސްގެ މުޖާހިދުން އިޒްރޭލަށް ހަމަލާ ދީ އަރައިގަނެ މީހުން މަރާ ހަދާފައި ވާ ގޮތުގެ ވީޑިއޯ މަންޒަރުތައް ދެއްކުމަށް ކަމަށެވެ.

ސުލްހަވެރިކަމާއެކު ދަތުރުކުރަމުން ދިޔަ އެހީގެ ބޯޓުގައި ހިސޯރު ކޮށް އޭގައި ތިބި މީހުން ރަހީނު ކޮށްފާނެ ކަމަށް ކުރިން ބެލެވިގެން އެކްޓިވިސްޓުން ވަނީ، ވީޑިއޯ މެސެޖްތަކެއް ރެކޯޑްކޮށް ބައިނަލްއަގުވާމީ ނިއުސް ޗެނަލްތަކަށް ފޯރުކޮށްދީފައެވެ. އެ މެސެޖްތަކުގައި ކޮންމެ އެކްޓިވިސްޓަކުވެސް ގޮވާލާފައި ވަނީ، އެ މީހުން ރަހީނު ކޮށްފި ނަމަ، އެމީހުން މިނިވަން ކުރުމަށް އެމީހުން ނިސްބަތްވާ ސަރުކާރުތަކަށް ޕްރެޝަރު ކޮށްދިނުމަށެވެ.

އެ މަސައްކަތް އެމީހުން ނިސްބަތްވާ ގައުމުތަކުގައި އެމީހުންގެ ސަޕޯޓަރުންނާއި، ހަމަ ގަބޫލު ކުރާ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.

ނަމަވެސް އެކްޓިވިސްޓުންނަށް ހަދާނެ ގޮތެއްގެ މައުލޫމާތެއް އިޒްރޭލުން އަދި ހާމައެއް ނުކުރެއެވެ.

އެކްޓިވިސްޓުންގެ ތެރޭގައި، ޖަރުމަން، ފްރާންސް، ބްރެޒީލް، ތުރުކީ، ސްވިޑަން، ސްޕެއިން އަދި ނެދަލޭންޑްސް ހިމެނެއެވެ.