ކޮވިޑް-19އިން ރައްކާތެރި ވުމަށް ހުރިހާ ރައްޔިތުން ވެސް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވާފިއެވެ.

ކޮވިޑު ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރިތާ ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުން މަތީގެ އެންމެނަށް މިއަދުން ފެށިގެން ވެކްސިން ޖަހަން ހުޅުވާލާފައި ވާއިރު ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19ގެ އޮމިކްރޯން ވޭރިއަންޓުން ސަލާމަތް ވުމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ ވެކްސިންގެ ބޫސްޓާ ޑޯޒް ކަމަށެވެ.

މިގޮތުން ބޫސްޓާ ޑޯޒް ޖެހުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވަނީ ހުރިހާ ރައްޔިތުން ވެސް ބޫސްޓާ ޑޯޒް ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ވެކްސިން ސެންޓަރުތަކުގައި ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވާއިރު ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުން ހިމެނެއެވެ. އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހަން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިޔުން ހިމެނެއެވެ.

މީގެ އިތުރުން ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ވެކްސިން ޖަހަންދާ އިރު އަމިއްލަ ފެން ފުޅިއެއް ގެންދިއުމުގެ އިތުރުން ވެކްސިން ޖަހަންދާ އިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންދިއުމަށް އެޗްޕީޢޭއިން އިލްތިމާސް ކުރެއެވެ.