ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް އާއްމުކޮށް މިއަދު ޖަހަން ފަށައިފިއެވެ.
ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ ކޮވިޑުން ރައްކާތެރި ވުމަށް ޖެހި ވެކްސިނެއްގެ ކަނޑައަޅާފައިވާ ޑޯޒްތައް ފުރިހަމަކުރިތާ ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުން މަތީގެ އެންމެންގެ ތެރެއިން އެޕޮއިންޓްމަންޓް ހައްދާ ތަރުތީބުން އެމީހުންނަށެވެ.
ވެކްސިން ސެންޓަރުތަކުގައި ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވާއިރު ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުން ހިމެނެއެވެ. އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހަން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިޔުން ހިމެނެއެވެ.
މީގެ އިތުރުން ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ވެކްސިން ޖަހަންދާ އިރު އަމިއްލަ ފެން ފުޅިއެއް ގެންދިއުމުގެ އިތުރުން ވެކްސިން ޖަހަންދާ އިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންދިއުމަށް އެޗްޕީޢޭއިން އިލްތިމާސް ކުރެއެވެ.
މާލެ ސަރަހައްދުގައި ބޫސްޓާ ޑޯޒް ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ވެބްސައިޓުން އެޕޮއިންޓް ހެދުމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިންއެވެ.
މިހާތަނަށް 29،089 މީހަކު ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 397،123 މީހުންނެވެ. އަދި 368،622 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.