މިރޭ ރާއްޖޭން ކޮވިޑް-19 އަށް ރެކޯޑު އަދަދަކަށް ޕޮޒިޓިވްވި 967 މީހުންނާއެކު، އެކްޓިވް ކޭސްތަކުގެ އަދަދު 6،000 އާއި ގާތްކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިރޭ 967 މީހުން ވަނީ ރާއްޖޭން ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވްވި 475 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 290 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 87 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

967 މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެ އިރުއޮއްސި 6 އިން މިއަދުގެ އިރުއޮއްސި 6 އަށް ނެގި 7،505 ސާމްޕަލްތަކުން ކަމަށްވާއިރު، އޭގެ ތެރެއިން 4،277 ސާމްޕަލް އެއީ މާލޭން ނަގާފައިވާ ސާމްޕަލްތަކެވެ. މާލޭގެ ޕޮޒިޓިވިޓީ ރޭޓު ވަނީ 11 ޕަސެންޓަށް އިތުރުވެފައެވެ.

އެއާއެކު ޖުމްލަ 101،418 މީހުން ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން ރަނގަޅުވެފައިވަނީ 95،259 މީހުންނެވެ. އަދިވެސް ރަނގަޅުނުވެ 5،881 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 22 މީހަކަށް ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ

މިއަދުގެ ކުރީ ހަތް ދުވަހު ރިޕޯޓުކުރި ކޭސްތަކުގެ ތަފްސީލު:

  • 7 ޖެނުއަރީ: 281 ކޭސް
  • 8 ޖެނުއަރީ: 337 ކޭސް
  • 9 ޖެނުއަރީ: 384 ކޭސް
  • 10 ޖެނުއަރީ: 454 ކޭސް
  • 11 ޖެނުއަރީ: 593 ކޭސް
  • 12 ޖެނުއަރީ: 536 ކޭސް
  • 13 ޖެނުއަރީ: 816 ކޭސް

މިވަގުތު މާލޭން ކޮވިޑު ޖެހޭ މީހުންގެ ނިސްބަތް އިތުރުވެފައިވާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލޭގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

އަދިވެސް ކޭސްތައް އިތުރު ވަމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅޭ މީހުންނާއެކު މަޝްވަރާ ކުރަމުންނެވެ.

މިހާރު ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ އިރު، މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި އަށް ދިވެއްސެއްގެ ގައިން މި ވޭރިއަންޓްގެ ވައިރަސް ވަނީ ފެނިފައެވެ. އެގޮތުން އޮމިކްރޯން ފެނިފައިވަނީ މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫއިންނެވެ.