ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިން ނުޖަހާ، އޮސްޓްރޭލިއާގައި ހުރުމަށް ފައިވިއްދައިގެން ހުރި ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޯވާކް ޖޮކޮވިޗްގެ ވިސާ، އޮސްޓްރޭލިއާ ސަރުކާރުން 2 ވަނަ ފަހަރަށް ބާތިލު ކޮށްފިއެވެ.

ސިއްހަތާއި ހެޔޮވެރިކަމުގެ އުސޫލުގެ ދަށުން، ޖޮކޮވިޗްގެ ވިސާ ބާތިލު ކުރުމަށް ނިންމެވީ އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިވަސްޓަރު އެލެކްސް ހޯކްސް ކަމަށް ވާއިރު، މި ނިންމެވުމާއެކު، އެ ގައުމުން ޖޮކޮވިޗް ޑީޕޯޓް ކުރުންވެސް ގާތެވެ.

އަދި ކުރިއަށް އޮތް 3 އަހަރު، އޮސްޓްރޭލިއާގެ ވިސާއަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް އޭނާއަށް ގެއްލުން ގާތެވެ.

ވަޒީރު ވިދާޅުވީ، މި ނިންމެވުމަކީ އާންމު މަސްލަހަތަށްޓަކާ ނިންމެވި ނިންމެވުމެއް ކަމަށެވެ.

ނަމަވެސް އޮސްޓްރޭލިއާގައި މަޑު ކުރުމަށް އެދި، ޝަރުއީ އިމުގެ ތެރެއިން، ސަރުކާރަށް ގޮންޖެހުމުގެ ފުރުސަތު، ޖޮކޮވިޗްއަށް އަދިވެސް އެބަ އޮތެވެ.

ޖޮކޮވިޗް މިވަގުތު އޮސްޓްރޭލިއާގައި ހުރީ، އަންނަ ހަފުތާގައި ފަށާ އޮސްޓްރޭލިއާ އޯޕަން ޓައިޓަލް ދިފާއު ކުރުމަށެވެ. އެ ޓައިޓަލް އޭނާއަށް ކަށަވަރު ވެއްޖެނަމަ، ޖޮކޮވިޗް ވާނީ، ޓެނިސްގެ ދުނިޔެ ދުށް، އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާއަށެވެ.

ޖޮކޮވިޗްގެ ވިސާ، އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ބާތިލު ކުރީ، އޭނާ މެލްބަންއަށް އެތެރެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޖެނުއަރީ 6 ވަނަ ދުވަހުއެވެ. އެއީ ވެކްސިން ޖެހުމަށް އުޒުރު ލިބެނިވި ސަބަބުތަކުގެ ތެރެއިން ސައްހަ ސަބަބެއްގެ ހެކި ދެއްކުމަށް އޭނާ ފެއިލްވި ހިސާބުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އޮސްޓްރޭލިއާއިން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ކިޔަމަންވެ، އެ އުސޫލުތަކަށް އަމަލު ކުރަމުން ދިޔަ ގިނަ ބަޔަކު ވަނީ، ޖޮކޮވިޗް އެ ގައުމަށް އެތެރެވުމުން، އެކަމާ ނުރުހުން ފާޅުކޮށް، އަޑު އުފުލާފައެވެ.