ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ކޮށް، ކޮންމެ ހަފުތާއަކު ބައްޔަށް ޓެސްޓު ކުރާ ބައެއް ކަމުގައި ލާޒިމު ކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ކަނޑައެޅުއްވި ގަވައިދަށް، އެ ގައުމުގެ ސުޕްރީމް ކޯޓުން ހުރަސް އަޅައިފިއެވެ.

އެމެރިކާގެ އެންމެ މަތީ ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ވިދާޅުވީ، މި ގަވައިދުގައި ވާ ކަންކަމަކީ، ބައިޑަންގެ ސަރުކާރަށް ލިބިފައިވާ އިހުތިސޯސުން ބޭރުގައި ވާ ކަންތައްތަކެއް ކަމަށެވެ.

ސަރުކާރުން ފަންޑު ކޮށްގެން ހިންގާ ސިއްހީ ފެސިލިޓީތަކުގައި، ވަކި އިމެއްގެ ތެރެއިން ތަންފީޒު ކުރާ ވެކްސިން މެންޑޭޓެއް ގެންގުޅެވިދާނެ ކަމަށްވެސް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ބައިޑަންގެ ސަރުކާރުން ބުނާ ގޮތުގައި މި މެންޑޭޓްތަކަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީވެދޭނެ މެންޑޭޓްތަކެކެވެ.

އާންމުންގެ މެދުގައި މަގުބޫލުކަން ގެއްލެމުން ދާ ބައިޑަން ވަނީ، މުވައްޒަފުންގެ ފުރާނަ ސަލާމަތް ކޮށްދެނިވި އުސޫލަށް ހުރަސް އެޅުމާ ގުޅިގެން، އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުން ފާޅު ކުރައްވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފަސް ނުޖެހުނު ކަމަށްޓަކާ ސުޕްރީމް ކޯޓާ މެދު ފަހްރުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ބައިޑަންގެ ކޮވިޑް ވެކްސިން މެންޑޭޓްގެ ދަށުން ކޮންމެ މުވައްޒަފަކުވެސް ކޮންމެ ހަފުތާއަކު 1 ފަހަރު ކޮވިޑަށް ޓެސްޓު ކުރަން ޖެހެނީ އަމިއްލަ ހަރަދުގައި ކަމަށް މައުލޫމާތު ލިބެއެވެ.