މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅުން ހުރި ސުލޫކީ މައްސަލައިގެ ގޮތުގައި 404 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން އާންމު ކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކޮމިޝަނަށް ފަނޑިޔާރުންނާ ގުޅުން ހުރި ސުލޫކީ މައްސަލަތަކުގެ ތެރެއިން 395 މައްސަލަ ވަނީ ބަލައި ނިންމާފައެވެ. މިއީ ކޮމިޝަނަށް 2020 ގައި ހުށަހެޅި އަދަދާ އަޅާ ބަލާއިރު 28 ޕަސަންޓް އިތުރެވެ.

މީގެ އިތުރުން މިދިޔަ އަހަރު "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން" ގެ 112 ބައްދަލުވުމެއް ބާއްވާ އެކިއެކި މައްސަލަތަކުގައި އިތުރު މައުލޫމާތު ހޯދުމަށާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި 212 ސިޓީއެއް ވަނީ ފޮނުވާފައެވެ.

މިދިޔަ އަހަރު ފެށިއިރު ތަހްގީގު މަރުހަލާގައި ނުވަތަ ރިޕޯޓް އެކުލަވާލުމުގެ މަރުހަލާގައި ނުނިމި އޮތީ 62 މައްސަލައެވެ. ނަމަވެސް 2022 ވަނަ އަހަރު ފެށިއިރު ތަހްގީގު މަރުހަލާގައި ނުވަތަ ރިޕޯޓް އެކުލަވާލުމުގެ މަރުހަލާގައި ނުނިމި އޮތީ 55 މައްސަލައެވެ. ހަމައެހެންމެ މިދިޔަ އަހަރު އާ 26 މައްސަލައެއް ތަހްގީގު ކުރުމަށް ނިންމާފައި ވާއިރު ޖުމްލަ 77 ތަހްގީގު ކޮމިޓީއަކުން 88 މައްސަލައިގެ ތަހްގީގު ކުރިއަށް ވަނީ ގެންގޮސްފައެވެ. އަދި މީގެ ތެރެއިން 33 މައްސަލައިގެ ތަހުގީގު ވަނީ ނިންމާފައެވެ.

މި 33 މައްސަލައިގެ ތެރެއިން 15 މައްސަލައެއް ސާބިތުވެ ފިޔަވަޅު ވަނީ އަޅާފައެވެ. އެގޮތުން، ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހަށް ލަފާ ދިނުމަށް ނިންމި 1 މައްސަލައާއި، 10 ފަނޑިޔާރުންނަށް ނަސޭހަތާއެކު ތަމްރީން ދީ، 3 ފަނޑިޔާރަކު މަސައްކަތުން ވަގުތީގޮތުން ދުރުކުރެވި، 1 ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ވަނީ ބަދަލުކޮށްފައެވެ.