ފިއުލް ސަޕްލައި މޯލްޑިވްސް އިން ތެޔޮ ދޫކުރުމުގައި މި ވަގުތު ދިމާވަމުންދާ ދަތި ކަމަށް ހަފްތާއެއްހާ ދުވަސްތެރޭ ނިމުމެއް އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ގަސަމް ވަނީ ތެޔޮ ލިބުމުގައި ދިމާމި ދަތިކަން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްލުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދު ތަކުން ޕްޓްރޯލެއް ނުލިބެއެވެ. އަދި ލިބޭ ސަރަހައްދުތަކުގައިވެސް ވިއްކަނީ ކޮންޓްރޯލް ކޮށްގެންނެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގަސަމް ވިދާޅުވީ، މި މަހުގެ 7 ވަނަ ދުވަހު ޕެޓްރޯލްގެ ދަތިކަން ހުއްޓި ކަސްޓަމަރުންނަށް ޕެޓްރޯލް އެއްވެސް ދަތި ކަމަކާ ނުލައި ލިބޭނެ ކަމަށް އޭރު ގަބޫލު ކުރެއްވުނު ނަމަވެސް އަދިވެސް އެ ދަތިކަން ހައްލު ނުވާ ކަމަަށެވެ. އެގޮތުން ކުރިން އޭނާ ވިދާޅުވި ގޮތަށް ތެޔޮ ވިއްކަމުން ދިޔަ ކުންފުނިތަކަށް އާ ސްޓޮކް މިހާރު ވަނީ ލިބިފައި ކަމަށް ގަސަމް ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިން ލަފާ ކުރި ގޮތަށް ތެޔޮ ވިއްކާ އެހެން ފަރާތްތަކުގެ ޝިޕްމަންޓް މިހާރު ލިބިފައި ހުރީ. ނަމަވެސް އަތޮޅުތަކުން ރަށްރަށުގައި ހުރި ސްޓޮކް މާ ބޮޑަށް ދަށްވެފައި ހުރީމައި، ބައެއް ހިސާބުތަކަށް ތެޔޮ ލިބުމުގައި ދަތިތަކެއް ދިމާވެފަ ވަނީ. ހުވަދު އަތޮޅު، އައްޑޫ، ފުވައްމުލަށް އެހިސާބުގައި މައްސަލައެއް ނޫޅޭ. އެ ހިސާބުގައި ޕެޓްރޯލްގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި"
މުހައްމަދު ގަސަމް

ނަމަވެސް ތެޔޮ ލިބުމުގައި އަދިވެސް އަތޮޅުތެރޭގެ ބައެއް ހިސާބުތަކަށް ދަތިވާކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ހިސާބުތަކުން ތެޔޮ ސްޓޮކް ދަށްވެގެން މިފަދަ ދަތިތަކެއް ދިމާވަމުން އައި ކަމުގައި ވިޔަސް ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދޫ އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ދަތިކަމަކާ ނުލައި ތެޔޮ ލިބެމުން ދާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

ތެޔޮ އެތެރެކޮށް ވިއްކާ ބައެއް ކުންފުނިތަކުގެ ސްޓޮކް ހުސްވުމުން އެސްޓީއޯގެ ތެޔޮ ސްޓޮކަށް އޮތް ޑިމާންޑް އިތުރުވުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަސަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދިވެސް ހަމަ ކުރިން ދިން ލިމިޓުގެ ތެރެއިން އަދިވެސް ތެޔޮ ދޫކުރަމުން މި ދަނީ. އަޅުގަނޑުމެންގެ ސްޓޮކް ވަންނަނީ މި މަހުގެ 15 ގައި، އެހެންވީމަ 16 ވަނަ ދުވަހު ބޯޓުން ތެޔޮ ހުސްކޮށްގެން 17 ވަނަ ދުވަހު ތެޔޮ ދޫކުރެވޭނެ ކަމަށް މި ބަލަނީ. އޭރުން މިހަރު މިދިމާވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ"
މުހައްމަދު ގަސަމް

އެ ކުންފުނީގެ ފަރާތުން ފެނަކަ، ސްޓެލްކޯ ފަދަ ކުންފުނިތަކަށް ތެޔޮ ފޯރުކޮށް ދެމުން އަންނަ އިރު، ރަށްރަށުގެ އިންޖީނު ގެތަކަށް ބޭނުންވާ ވަރަށް ތެޔޮ ނެތިގެން އެއިން ރަށަކުން ކަރަންޓުގެ ހިދުމަތް ކެނޑުނަ ނުދޭން ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ތެޔޮ ޑިމާންޑް އިތުރުވެގެން ދިޔުމަކީ ދިމާވި ބޮޑު ގޮންޖެހުމެއް ކަން ފާހަގަކުރައްވައި ގަސަމް ވިދާޅުވީ، އެސްޓީއޯއިން ތެޔޮ އެތެރެ ކުރަނީ އެކުންފުނިން ތެޔޮ ވިއްކާ އެވްރެޖް މިންވަރަށް ބެލުމަށް ފަހު އެ މިންގަނޑަށް ފެތޭ ވަރަށް ކަމަށެވެ. އެހެންކަމުން ކިތަންމެ ޑިމާންޑް ބޮޑުވެގެން ދިޔަޔަސް ދުވާލެއްގެ މައްޗަށް އެސްޓީއޯ އިން ދޫކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުގެ އިތުރަށް ތެޔޮ ދޫނުކުރެވޭ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެހެންކަމުން ޑިމާންޑް އިތުރުވެގެން އައުމާ އެކު ރަށްރަށުން ތެޔޮ ބޭނުންވެގެން އޯޑަރު ކުރާ މިންވަރަށް ތެޔޮ މި ވަގުތު ފޯރުކޮށް ނުދެވޭ ކަމަށާއި ނަމަވެސް ޕެޓްރޯލް ސްޓޮކް ހުސްނުވެ އަނެއް ސްޓޮކް އައުމާ ހަމައަށް ހިފެއްހެއްޓޭނެ ކަމަށް އޭނާ ވިދާޅުވެއެވެ. މިކަމަށް ދެން ހައްލެއް ލިބެން އޮތީ އެސްޓީއޯ އިން އާ ތެޔޮ ސްޓޮކް ލިބިގެން ކަމަށް ގަސަމް ވިދާޅުވިއެވެ. އެ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ލިބޭ އާ ސްޓޮކްގެ ތެޔޮ ދޫކުރަން ފެށުމާއެކު ތެޔޮ ލިބުމުގައި މިހާރު ހުރި ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އެ ސްޓޮކް ދޫކުރަން ފައްޓާނެ ތާރީހެއް ކަމަށް ލަފާ ކުރެވެނީ މި މަހުގެ 17 ވަނަ ދުވަސް ކަމަށް ގަސަމް ވިދާޅުވިއެވެ.