ކޮމަންޑުއާއި އެ ރަށުގެ ހުޅަނގު ފަރާތުން އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.
ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ހުކުރު ދުވަހު ފައްޓަވާނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.
މި ދެ ރަށް ގުޅުވައިލަން ރާވާފައި ވަނީ މަތި ކޮމަންޑޫގެ ބިން ހިއްކުމަށް ފަހު ފާލަމަކުންނެވެ.
މި، މަޝްރޫއު ފައްޓަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ވެރިކަން ކުރާ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށާއި އެއީ ރިޔާސީ ކެމްޕޭނުގައި ކޮމަންޑޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅެއް ކަމަށެވެ.
އެ ދެރަށް ގުޅާލުމުގެ މަސައްކަތް ކުރުމުގެ ޕްލޭންތައްވެސް ނިމިފައިވާ ކަމަށާއި، ހަފްތާއެއްހާ ދުވަހުގެތެރޭ އެ ޕްލޭންތައް އާންމު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. އެގޮތުން، އެ ރަށަށް ބިމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައި ވާއިރު، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވަނީ ރައްޔިތުން އެދޭ ގޮތަށް މަތި ކޮމަންޑޫ ގުޅާލުން އަވަސް ކޮށްދެއްވުމަށް ރައީސަށް ހުށަހަޅުއްވާފައެވެ.