ހިޔާ ފްލެޓްތައް ކައިރީގައި ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ފްލެޓްތަކުގެ ކައިރީގައި ޖާގަ ބޮޑުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކުގެ ލިފްޓު ހިމެނޭ ލޮބީ ބޮޑުކުރަން ނިންމާފައިވަނީ ބާރުބޮޑު ގަޑިތަކުގައި ލިފްޓު ކައިރީގައި ތޮއްޖެހުން ކުޑަކޮށް، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ލިފްޓް ހިމެނޭ ލޮބީގެ ސަރަހައްދު ބޮޑު ކުރަނީ ބައެއް ފާރުތައް ތަޅާލައިގެނެވެ.

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި 25 ބުރި ހުންނައިރު، ކޮންމެ ޓަވަރެއްގައިވެސް ހުންނަނީ ހަތަރު ލިފްޓެވެ. ނަމަވެސް ލިފްޓު ކައިރީގައި މަޑުކުރާނެ ޖާގަ ކުޑަވެ، ބާރުބޮޑުވާ ގަޑިތަކުގައި ތޮއްޖެހޭ މައްސަލާގައި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެސް އެބަ ހުއްޓެވެ.

ނަމަވެސް، ފްލެޓްތަކުގެ ލޮބީ ބޮޑުކުރުމުން އާންމުންގެ ދަތިތަކަށް ހައްލެއް ލިބިގެން ދާނެއެވެ.