މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހަށް ފަހު، އެއް ދުވަހެއްގެ ތެރޭ މާލޭން ގާތްގަނޑަކަށް 200 އެއްހާ ކޮވިޑް-19 ގެ ކޭސްތައް ފެނިއްޖެއެވެ.
ރޭ އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 454 މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި މާލޭން 192 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، ރަށްރަށުން 165 މީހުން އަދި ރިސޯޓުތަކުން 74 މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓު ކޮށްފައި ވެއެވެ.
އެއާއެކު، ރާއްޖޭން މިހާތަނަށް 98،506 މީހުންނަށް ވަނީ ކޮވިޑު ޖެހިފައެވެ. އޭގެ ތެރެއިން 94،404 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، އަދިވެސް ބަލިން ރަނގަޅުނުވެ 3،825 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުން ފަރުވާ ހޯދަމުންދާ 21 މީހުންވެސް ހިމެނެއެވެ.
މިއީ ޖޫން މަހުގެ ފަހުން، ގިނަ މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓުކުރި ދުވަހެވެ.
ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މިފަހުން އިތުރުވެފައިވާއިރު، ވެރިރަށް މާލޭގައިވެސް ކޮވިޑުގެ ކޭސްތައް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ދުވާލަކު 20 އާއި 40 އާ ދެމެދު ކޮވިޑުގެ ކޭސްތައް ފެންނަމުން ދިޔަ މާލޭގައި މިހާރު ދުވާލަކު 100 އަށް ވުރެ ގިނަ ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ.
މާލޭގައި ކޮވިޑު ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ގިނަވުމުން، އެޗްޕީއޭއިން ވަނީ، މާސްކު ނާޅާ ނަމަ ފިޔަވަޅު އަޅަން ނިންމައި މާސްކު އަޅަން މަޖުބޫރު ކޮށްފައެވެ. މީގެ އިތުރުން، މާލޭގައި މީހުން އެއްވާ ގޮތަށް ހަލްފާތައް ބާއްވާއިރު، 50 އަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ގޮތަށް ހަފްލާތައް ބޭއްވި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.