ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، 2021 ވަނަ އަހަރު އެ ގައުމުން މަރުވި މީހުންގެ 30 ޕަސެންޓް މީހުންނަކީ، ބަލިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވާ މީހުން ކަމަށް ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވަޒީރު އޯންގް ޔީ ކުންގް ވިދާޅުވެއްޖެއެވެ.

ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލުތަކެއް އަދި ނުލިބެއެވެ. ސިންގަޕޫރުގެ އާބާދީގެ ބޮޑު ބަޔަކީ، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުން ކަން ފާހަގަ ކުރަން ޖެހެއެވެ.

މި ދަނޑިވަޅަކީ އިންތިހާ ހަލުވި މިނެއްގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަވަމުން ދާ އޮމިކްރޯން ވޭރިއަންޓް ފެތުރެމުން ދާ ދަނޑިވަޅަކަށް ވާ އިރު، އޯންގް ވިދާޅުވީ، ޑެލްޓާ ވޭރިއަންޓުގެ ރާޅުން ކުރި އަސަރަށް ވުރެ، މި ފަހަރުގެ ވޭރިއަންޓުން ކުރާ އަސަރު ބޮޑު ވާނެ ކަމަށެވެ.

ޑެލްޓާ ދުވާލެއްގެ މައްޗަށް 3000 އެއްހާ ކޭސް ފެނުނު ކަމުގައި ވަނީ ނަމަ، އޮމިކްރޯންގައި މިއަދަދު އުޅެނީ 10000 އާއި 15000 އާ ދެމެދުގައި ކަމަށްވެސް ވަޒީރު ވަނީ ލަފާ ކުރައްވާފައެވެ.

ފިޔަވަޅުތައް ހަރުކަށި ކޮށްފާނެތޯ ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ، ސިއްހީ ނިޒާމަށް ޕްރެޝަރު ބޮޑުވެއްޖެނަމަ އެފަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށާ، ނަމަވެސް އެއީ އެހެން ގޮތެއް ނެތުމުން މެނުވީ އަޅާނެ ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

ސިންގަޕޫރުގެ ކޮވިޑް ވެކްސިން ކެމްޕޭން ބާރު ދުވެލީގައި ކުރިއަށް ގެންދާއިރު، ބައްޔަށް ޓެސްޓު ކުރުމާއި ޓްރޭސް ކުރުމުގެ މަސައްކަތްތައްވެސް މަޑުޖައްސާލާފައެއް ނުވެއެވެ. އެގޮތުން، ބަލީގެ އާ ކްލަސްޓާތައް އިންތިހާ އަވަސް މިނެއްގައި ދެނެގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން، ސިންގަޕޫރަށް އޮންނަ ކަމަށް މައުލޫމާތު ލިބެއެވެ.