ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ 2 ވޭރިއަންޓް ކަމަށް ވާ ޑެލްޓާ އަދި އޮމިކްރޯން އެކުވެގެން އުފެދިފައި ވާ "ޑެލްޓާކްރޯން" ވޭރިއަންޓަކީ، ލެބުން އުފެދުނު "ތަޣައްޔަރު ކަމެއް" ކަމަށް ބުނެ ސައެންސްވެރިން އަމާޒު ކުރަމުން ދާ ތުހުމަތުތަކަށް، އެ ވޭރިއަންޓް ހޯދި ކަމަށް ވަކާލާތު ކުރައްވާ ސައިޕްރަސްގެ ސައެންޓިސްޓް ލިއޮނައިޑޯސް ކޮސްޓްރިކިސް އިންކާރު ކުރައްވައިފިއެވެ.

މިފަދަ ރޫހެއްގައި ކޮސްޓްރިކިސް ވާހަކަދައްކަވާފައި މިވަނީ، ސައިޕްރަސް އިން ފާހަގަ ކުރި ޑެލްޓާކްރޯންއަކީ ކޮވިޑް-19ގެ އާ ވޭރިއަންޓެއް ނޫން ކަމަށާ، ނަމަވެސް އެއީ ލެބުގައި އުފެދުނު ތަޣައްޔަރުކަމެއްގެ ނަތީޖާ ކަމަށް އިނގިރޭސިވިލާތުގެ ވައިރޮލޮޖިސްޓެއް ކަމަށް ވާ، ޓޮމް ޕީކޮކް ވިދާޅުވެފައި ވަނިކޮށެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ވައިރޮލޮޖިސްޓް، ޕީކޮކް ވިދާޅުވީ، ލެބުގައި އުފެދޭ ތަޣައްޔަރު ކަމެއްގެ ސަބަބުން "އާ" ވޭރިއަންޓް ފެނުމަކީ ނުހިނގާ ކަމެއް ނޫން ކަމަށާ، ކިތަންމެ ކުޑަ މިންވަރެއްގެ ތަޣައްޔަރު ކަމަކުންވެސް، މިފަދަ ނަތީޖާއެއް ނިކުމެދާނެ ކަމަށެވެ. އޮމިކްރޯން ވޭރިއަންޓް ފެނުނުތާ އަދި މިވީ މަދު ހަފުތާ ކޮޅެއް ކަމަށާ، އިތުރު ވޭރިއަންޓްތަކަކާ މަސްހުނިވުން ފަދަ ކަމެއް ހިނގާފާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށްވެސް ޕީކޮކް ވިދާޅުވިއެވެ.

ނަމަވެސް ކޮސްޓްރިކިސް ވިދާޅުވާ ގޮތުގައި ޑެލްޓާކްރޯންއަކީ ހޮސްޕިޓަލުގައި އެޑްމިޓް ނުކުރާ ޕޭޝަންޓުންނަށްވުރެ ބޮޑަށް، އެޑްމިޓްކޮށްފައިވާ ޕޭޝަންޓުންގެ މެދުގައި ފުދޭ ވަރަކަށް ބޮޑަށް ފެތުރިފައި ވާ ވޭރިއަންޓްއެކެވެ. އެހެން ކަމުން، މިއީ ލެބްގެ ތަޣައްޔަރު ކަމެކޭ ބުނާ ނަޒަރިއްޔާ ބާތިލު ކަމަށް ކޮސްޓްރިކިސް ވިދާޅުވެއެވެ.

ސައިޕްރަސްއިން ބުނާ ގޮތުގައި ޑެލްޓާކްރޯންގެ 25 ކޭހެއް މިހާރު ވަނީ ފެނިފައެވެ.

ޑެލްޓާކްރޯންއާ ބެހޭ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.