ކަނޑައަޅާފައި ވާ ވަކި ގިންތިތަކަށް ފެތޭ މީހުންނަށް ހާއްސަކޮށްގެން، އަވަށްޓެރި އިންޑިއާއިން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށައިފިއެވެ.

އިންޑިއާގައި މިވަގުތު ބޫސްޓާ ޑޯޒް ޖަހައިދެނީ ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިން މަސައްކަތްތެރިންގެ އިތުރުން، އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ކުރަމުން ދާ މީހުންނަށް އެކަންޏެވެ.

ހާއްސަ ގިންތީގެ މީހުންނަށް އިންޑިއާގައި ބޫސްޓާ ޑޯޒް ޖަހައިދޭން ފަށާފައި ވާ މި ދަނޑިވަޅަކީ، އޮމިކްރޯން ވޭރިއަންޓާއެކު އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ.

މީގެ ކުރިން ހަދާފައި ވާ ބައެއް ދިރާސަތަކަށް ބަލާއިރު، ބޫސްޓާ ޑޯޒްއަކީ، އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ހިސާބެއްގެ ދިފާއެއް ލިއްބައިދިނުމުގެ ފުރުސަތު އޮތް ޑޯޒްއެކެވެ.

"ރައްކާތެރިކަމުގެ ޑޯޒް"ގެ ގޮތުގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނަން ދެއްވާފައިވާ އިންޑިއާގެ ބޫސްޓާ ޑޯޒް ކެމްޕޭންގައި، ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެމުން ދަނީ ޝަރުތު ހަމަވާ މީހުން، 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ވެކްސިން ބްރޭންޑަށް ބަލައިގެން، އެ ބްރޭންޑަކުންނެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފެށި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ އިންޑިއާގައި އެންމެ އާންމު ކޮށް ބޭނުން ކުރަނީ އިންޑިއާގެ އުފެއްދުންތަކެއް ކަމަށްވާ ކޮވިޝީލްޑް އަދި ކޮވެކްސިންއެވެ.

ޖެނުއަރީ 2021 ގައި އިންޑިއާގައި ކޮވިޑް ވެކްސިން ކެމްޕޭން ފެށި ފަހުން އަދާ ހަމައަށް އައި އިރު، އާބާދީގެ 91 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. 2 ވަނަ ޑޯޒް ޖަހާ، ވެކްސިން ފުރިހަމަ ކޮށްފައި ވަނީ ޝަރުތު ހަމަވާ އާބާދީގެ 66 ޕަސެންޓްއެވެ. އުމުރުން 15 އަހަރުން މަތީގެ ކުދިންނަށް އިންޑިއާގައި ވެކްސިން ޖަހަން ފެށީ ހުސްވި ހަފުތާގެ ތެރޭގައެވެ. އޭގެ ފަހުން، އެ ގިންތީގެ 31 ޕަސެންޓް ކުދިން، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.