އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފުލް ހައުސް"ގައި ބައްޕައެއްގެ ރޯލުން ފެނިގެންދިޔަ ކުޅަދާނަ ބަތޮލް އަދި ކޮމީޑިއަން ބޮބް ސަގެޓް، ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އުމުރުން 65 އަހަރުގެ ސަގެޓްގެ ހަށިގަނޑު ފެނުނީ، ފްލޮރިޑާގައި ހިންގާ ރިޓްޒް-ކާލްޓަން ހޮޓެލްގައި އޭނާ ހުރި ކޮޓަރި ތެރޭގައި އޮއްވާ، އެ ހޮޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.

ސަގެޓްގެ މަރުވި ސަބަބަކާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ކަމުގެ ފަހަތުގައި އިތުރު ބަޔަކު ނުވަތަ މީހަކު ވާކަމަށް ނުވަތަ އެ ކަމުގައި ގޯހެއް އުޅޭ ކަމުގެ ނިޝާނެއް އަދި ފެނިފައި ނުވާ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ޓްވިޓާއަށް ދޫކޮށްލި ކުރު ޕޯސްޓެއްގައި ބުނެފައިވެއެވެ.

ސްޓޭންޑް-އަޕް ކޮމިޑީއަންއެއްގެ ގޮތުގައި ޝޯ ދެމުން ދިޔަ ސަގެޓް މަރުވެފައި އޮއްވާ ފެނިފައި ވާއިރު، އޭގެ މަދު ގަޑިއިރު ކޮޅެއް ކުރިންވެސް އޭނާ ވަނީ ޝޯއެއް ދީފައެވެ. އަދި މި މަހުގެ ކުރިއަށް އޮތް ދުވަސްތަކަށްވެސް އޭނާ އޮތީ ޝޯތަކެއް ރާވާފައެވެ.

"ފުލް ހައުސް"ގައި ޑޭނީ ޓޭނާގެ ރޯލުން 1987 އިން 1995 އަށް އަދި 2016 ވަނަ އަހަރު ނެޓްފްލިކްސްގެ ސްޕިންއޯފް "ފުލާ ހައުސް"ގެ ސީޒަންތަކުން އާންމުން ގިނަ ބައެއްގެ ލޯބި ހޯދި ސަގެޓްއަކީ، މަޝްހޫރު ކޮމެޑީ ސީޒީޒް "ހައު އައި މެޓް ޔޯ މަދާ" ގެ ނެރޭޓަރުވެސްމެއެވެ.