މިއަދު ރާއްޖެއިން ރިޕޯޓް ކުރި ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފށްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 5818 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 593 މީހުންނެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 199 މީހަކާއި، އަތޮޅުތެރެއިން 197 މީހަކާއި ރިސޯޓްތަކުން 124 މީހަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދކީ 4320 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 99099 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 20 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 675 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 264 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް 11 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ ދެ މީހެކެވެ.
ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލް: މި މަހު ޖުމްލަ 3399
- 1 ޖެނުއަރީ: 191 ކޮވިޑް ކޭސް
- 2 ޖެނުއަރީ: 161 ކޮވިޑް ކޭސް
- 3 ޖެނުއަރީ: 242 ކޮވިޑް ކޭސް
- 4 ޖެނުއަރީ: 228 ކޮވިޑް ކޭސް
- 5 ޖެނުއަރީ: 224 ކޮވިޑް ކޭސް
- 6 ޖެނުއަރީ: 304 ކޮވިޑް ކޭސް
- 7 ޖެނުއަރީ: 281 ކޮވިޑް ކޭސް
- 8 ޖެނުއަރީ: 337 ކޮވިޑް ކޭސް
- 9 ޖެނުއަރީ: 384 ކޮވިޑް ކޭސް
- 10 ޖެނުއަރީ: 454 ކޮވިޑް ކޭސް
- 11 ޖެނުއަރީ: 593 ކޮވިޑް ކޭސް
މިއަދު ރިޕޯޓް ކުރި ކޭސްތަކަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ވެސް އެންމެ ގިނަ ކޭސް މާލެއިން ފެނިފައި ވާ އިރު އިއޔްެ މާލެއިން ވަނީ 192 މީހަކު ޕޮޒިޓިވްވެފައެވެ. މިހާރު ޕޮޒިޓިވް ކޭސްތައް ގިނަ ވަމުން އަންނަ އިރު މި މަހު ފެނުނު ޖުމްލަ ކޮވިޑް ކޭސްގެ އަދަދު މި ވަނީ 3000 އިން މައްޗަށް ގޮސްފައެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.
އަދިވެސް ކޭސްތައް އިތުރު ވަމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅޭ މީހުންނާއެކު މަޝްވަރާ ކުރަމުންނެވެ.
މިހާރު ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ އިރު، މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސެއްގެ ގައިން މި ވޭރިއަންޓްގެ ވައިރަސް ވަނީ ފެނިފައެވެ. އެގޮތުން އޮމިކްރޯން ފެނިފައިވަނީ މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.