މިއަދު ރާއްޖެއިން ރިޕޯޓް ކުރި ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު 384 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 3730 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 384 މީހުން ކަމަށެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 153 މީހަކާއި، އަތޮޅުތެރެއިން 102 މީހަކާއި ރިސޯޓްތަކުން 117 މީހަކައި ލިވަބޯޑުން އެކަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދކީ 3511 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 98052 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 18 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 670 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 264 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް ނުވަ ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ ދެ މީހެކެވެ.
ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލް: މި މަހު ޖުމްލަ 2352
- 1 ޖެނުއަރީ: 191 ކޮވިޑް ކޭސް
- 2 ޖެނުއަރީ: 161 ކޮވިޑް ކޭސް
- 3 ޖެނުއަރީ: 242 ކޮވިޑް ކޭސް
- 4 ޖެނުއަރީ: 228 ކޮވިޑް ކޭސް
- 5 ޖެނުއަރީ: 224 ކޮވިޑް ކޭސް
- 6 ޖެނުއަރީ: 304 ކޮވިޑް ކޭސް
- 7 ޖެނުއަރީ: 281 ކޮވިޑް ކޭސް
- 8 ޖެނުއަރީ: 337 ކޮވިޑް ކޭސް
- 9 ޖެނުއަރީ: 384 ކޮވިޑް ކޭސް
މިއަދު ރިޕޯޓް ކުރި ކޭސްތަކަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ވެސް އެންމެ ގިނަ ކޭސް މާލެއިން ފެނިފައި ވާ އިރު ވޭތުވެދިޔަ ހަތަރު ދިވަހަކު މާލެ ސަރަހއްދުން ފެންނ ކޭސްތައް އަންނަނީ 100 އިންމަތިން ރިޕޯޓް ކުރަމުންނެވެ. މިއަދު ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު ރިސޯޓްތަކުން ވެސް ގިނަ ކޭސްތަކެއް ވަނީ ފެނިފައެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.