މާލެ ސަރަހައްދުގައި ހަލުވި ކަމާ އެކު ކޮވިޑް ފެތުރެމުން ދާތީ މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކު ވެސް ޕީސީއާރް ޓެސްޓު ހަދަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަޖުބޫރު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، މާދަމާ އިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެގައި ހަފްތާއަކު ޓެސްޓު ކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓް ވާ ނިސްބަތް 5 ޕަސެންޓް މަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކުގެ ތެރެއިން ޕީސީއާރް ޓެސްޓު ހެދުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުން ދަތުރު ކުރާ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ މީހެއް ނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރަން އަންގާ ކަމަށް އެޗޕީއޭއިން ބުނެއެވެ. ހަމައެއާއެކު ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ހުރި މީހެއް ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށާއި އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރު ކުރަން ޖެހޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑް ސޭފް' ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރު ކުރުމަށާއި އަދި ކަރަންޓީނު ވުމަށް ދަތުރުކުރާ ފަރާތްތަކުން 'ހާލުބެލުން ޕޯޓަލް' އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

ޕީސީއާރް ޓެސްޓް ހެދުމަށް މަޖުބޫރު ކޮށްފަިއވާ އިރު، މިހާރު މާލެ ސަރަހއްދުގައި އިވެންޓްތަކާއި ހަފްލާ ފަދަ ކަންކަން 50 މީހުންނަށް ވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. 50 މީހުންނަށް ވުރެ ގިނަ މީހުން އެއްވާ ކަންކަން އިންތިޒާމް ކުރާ އިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު ކުޅިވަރުތައް ކުޅޭ އިރު ކުޅިވަރު ބަލަން މީހުން ވެއްދުމަކީ މަނާ ކަމެއް ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި މަސް ފެށިގެން އައި އިރު ދުވަހެއް ދުވަހެއް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރު ވަމުންނެވެ، ހާއްސަކޮށް މާލެއިން މިހާރު ކޮންމެ ދުވަހަކު 100 އިން މަތިން ކޭސް ރިޕޯތް ކުރަމުން އަންނަ އިރު މިހާރު 300 އާ ގާތަށް ނުވަތަ އެއަށް ވުރެ މައްޗަށް ކޭސްތައް އަންނަނީ ރިޕޯޓް ކުރަމުންނެވެ.