ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އަވަށްޓެރި އިންޑިއާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުން ދާ ދިއުމަށް މަޑުޖެހުމެއް އައިސްފައި ނުވާ ކަމަށް، އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކާ ހަވާލާދީ، އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ވަނީ ކޮވިޑް-19ގެ 159632 އާ ކޭސް ފެނިފައެވެ. އަދި 327 މަރުގެ ކޭސް ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ އެކްޓިވް ކޮވިޑް ކޭސް ލޯޑް ވަނީ 483790 އަށް އަރާފައި ވާއިރު، ދާދި ފަހުން ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން ވޭރިއަންޓަށް އެ ގައުމުން ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. އިންޑިއާއިން އޮމިކްރޯންއަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 3623 އަށް އަރާފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި އެ ގައުމުގެ 27 ސްޓޭޓަކުން މިހާރު ވަނީ އޮމިކްރޯން ވޭރިއަންޓުގެ ކޭސްތައް ފެނިފައެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 40863 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، އިންޑިއާގެ ރިކަވަރީ ރޭޓް އުޅެނީ 96.98 ޕަސެންޓްގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން އަދާ ޖެހުނު އިރު އިންޑިއާއިން 1563566 ސާމްޕަލެއް ޓެސްޓު ކޮށްފައިވާއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް، ހަފުތާއެއްގެ ތެރޭގައި ވަނީ 6.77 ޕަސެންޓަށް އަރާފައެވެ.