އިއްޔެ މާލޭން 101 މީހުންނަށް ކޮވިޑް-19 ޖެހި، ރާއްޖޭން ޖުމްލަ 337 މީހުންނަށް ކޮވިޑު ޖެހިއްޖެއެވެ.
ރޭ އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭން 101 މީހުންނަށް ވަނީ ކޮވިޑުގެ ބަލި ޖެހިފައެވެ. މިއީ ގާތްގަނޑަކަށް ހަ މަހަށް ވުރެ ގިނަ ދުވަހަށްފަހު މާލޭން 100 އަށް ވުރެ ގިނައިން ކޮވިޑުގެ ކޭސްތައް ފެނުނު ފަހަރެވެ. އަދި 100 އަށް ވުރެ ގިނަ ކޮވިޑު ކޭސްތައް ފެނުނު ޖެހިޖެހިގެން ހަތަރުވަނަ ދުވަހެވެ.
މީގެ އިތުރުން، ރަށްރަށުން 129 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، ރިސޯޓުތަކުން 99 މީހުންނަށް ވަނީ ކޮވިޑު ޖެހިފައެވެ.
ހަމަ އެއާއެކު، އެކްޓިވް ކޭސްތައްވެސް 3،000 އަށް ވުރެ އިތުރުވެފައިވާއިރު، ރޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުން ރަނގަޅުނުވެ، ރާއްޖޭގައި 3،300 މީހުން މިވަގުތު އެބަ ތިއްބެވެ.
މިހާތަނަށް ރާއްޖޭން ކޮވިޑު ޖެހުނު 97،668 މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 94،091 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ 96 ޕަސެންޓެވެ
ރާއްޖޭގައި ކުރިއަށް އޮތް ތިން ހަފުތާ އަކީ ކޮވިޑް-19 ގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
މިވަގުތު މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާއިރު، ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން މާލެއަށް އައިސް އުޅޭކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި މަގުމަތީ ބާޒާރު ފެށުމުން އެ ތަން ތަނަށްވެސް ގިނަ މީހުން އެއްވެފައިވުމާއި، އެކި ހަފްލާތައް ބާއްވައި، ގިނަ މީހުން އެއްތަނަކަށް އެއްވަމުން ދިއުމަކީ މިވަގުތު ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމަށް ދޭން ޖެހޭ ހުއްދަ ވެސް ދިނުން ވަގުތީ ގޮތުން ވަނީ މަޑުޖައްސާލާފައެވެ.