ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ވޭރިއަންޓްތަކެއް ކަމަށް ވާ ޑެލްޓާއާއި އޮމިކްރޯންގެ ސިފަ "މަސްހުނި" ވެފައި ވާ އާ ވޭރިއަންޓެއް ފެނިފައި ވާ ކަމަށް ސައިޕްރަސްއިން ރިޕޯޓް ކޮށްފިއެވެ.

ސިގްމާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، ޔުނިވާސިޓީ އޮފް ސައިޕްރަސްގެ ލަބޯޓްރީ އޮފް ބައޮޓެކްނޮލޮޖީ އެންޑް މޮލެކިއުލާ ވައިރޮލޮޖީގެ އިސްވެރިޔާ، ޕްރޮފެސާ ލިއޯންޑިއޯސް ކޮސްޓްރިކިސް ވިދާޅުވީ، ޑެލްޓާއާއި އޮމިކްރޯންގެ ސިފަ ލިބިގެންވާ އާ ވޭރިއަންޓަށް ދީފައި ވާ ނަމަކީ، "ޑެލްޓާކްރޯން" ކަމަށެވެ.

ޕްރޮފެސާ ކޮސްޓްރިކިސްއާ އޭނާގެ ޓީމުން ވަނީ "ޑެލްޓާކްރޯން"ގެ 25 ކޭހެއް ދެނެގަންފައެވެ. އެއީ 1377 ސާމްޕަލެއްގެ ޖެނެޓިކް ސީކުއަންސިންގް ހަދައިގެންނެވެ. އަދި 2 ވޭރިއަންޓަކަށް އިންފެކްޓް ވެފައި ވާ މީހުން ނިސްބަތުން ގިނައީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ ކޭސްތަކުގައި ކަމަށެވެ.

ޕްރޮފެސާ ކޮސްޓްރިކިސް ވިދާޅުވީ އާ ވޭރިއަންޓަކީ މާ ފަސޭހައިން ފެތުރޭ ވޭރިއަންޓެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ކުރައްވާނެ ކަމަށެވެ. ނަމަވެސް އަމިއްލަ ރައުޔަށް ބަލަނީނަމަ، މި ވޭރިއަންޓްގެ މައްޗަށްވެސް އޮމިކްރޯން ގަދަވާނެ ކަމަށް ޕްރޮފެސާ ކޮސްޓްރިކިސް ވިދާޅުވިއެވެ.

ސައިޕްރަސްއިން ރިޕޯޓްކުރި "ޑެލްޓާކްރޯން" ވޭރިއަންޓާ ގުޅިގެން، ކަމާބެހޭ ބައިނަލްއަގުވާމީ އެއްވެސް އިދާރާއެއްގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ސައިޕްރަސްއަށް 5 ވަނަ ރާޅެއް ބިންދާލާފައި ވާ ދަނޑިވަޅެކެވެ. މި ދުވަސްވަރު، އެ ގައުމުން ދުވާލެއްގެ މައްޗަށް 5000 އެއްހާ މީހުންނަށް ކޮވިޑް ޖެހޭ ކަމަށް މައުލޫމާތު ލިބެއެވެ.